މެކްސްކޮމް ޕާޓްނާސް އާއި ޑެލް ޓެކްނޮލޮޖީ ގުޅިގެން ލޯކަލް މާކެޓަށް އޭއައި ތައާރަފުކުރަނީ
16 އޮކްޓޯބަރު 2024 - 04:38
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ލޯކަލް މާކެޓަށް ތައާރަފް ކުރުމުގެ މަގްސަދުގައި މެކްސްކޮމް އިން ޑެލް ޓެކްނޮލޮޖީއާ ގުޅިގެން ސިލްސިލާކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މެކްސްކޮމްގެ ކަސްޓަމަރުންނަށް ޒަމާނީ ޓެކްނޮލޮޖީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މި އިވެންޓްތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޑެލްގެ ހާޑްވެއާގެ ސަބަބުން ރާއްޖޭގައި އޭއައި އެޑޮޕްޓް ކުރުމަށް މަގުފަހިކުރެވޭނެ ގޮތުގެ މައްޗަށެވެ.
މި ސެޝަންތަކުގައި އޭއައިއާ ބެހޭ ގޮތުން އާންމުކޮށް އުފެދިފައިވާސުވާލުތަކަށް ޖަވާބުދީ، އަމަލީ މައުލޫމާތު ފޯރުކޮށްދިނުމާއި، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އޭއައިގެ ބޭނުން ހިފޭނެ ގޮތް ދައްކުވައިދިނުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. ޑެލް ޓެކްނޮލޮޖީގެ ސްޕީކަރުން ވަނީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ބޮޑެތި ކުންފުނިތައް (އެސްއޯއީ) ފަދަ އެކި ދާއިރާތަކުން އޭއައި އިންޓަގްރޭޓް ކުރުމާ ބެހޭ ގޮތުން އަގުހުރި މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ.
މެކްސްކޮމްގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު ސިބާހު މި ސެޝަންތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ މިއީ އޭއައި ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މެކްސްކޮމްގެ އަމާޒަކީ އޭއައި ދާއިރާގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން ކްލައިންޓުންނަށް މައުލޫމާތު ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑެލްއާ ގުޅިގެން މަސައްކަތް ކުރާތާ 14 އަހަރު ވެފައިވާ ސިބާހު އިތުރަށް ބުނީ މެކްސްކޮމް އިން ލޯކަލް މާކެޓު ޑެލްގެ އިނޮވޭޓިވް ޓެކްނޮލޮޖީތަކަށް އެކްސްޕޯސް ކުރަމުން އަންނަ ކަމަށާއި ސްޓޯރޭޖް ސޮލިއުޝަންތަކުން ފެށިގެން ލެޕްޓޮޕާއި ކޮމްޕިއުޓަރު އަދި މިހާރު އޭއައި އަށް ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އޭއައި އަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި އޭއައި އެޑޮޕްޓް ނުކުރާ ވިޔަފާރިތައް ފަހަތަށް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އަދި ހާއްސަކޮށް ރާއްޖެ ފަދަ ކުދި މާކެޓުތަކުގައި އޭއައިގެ އޮޕަރޭޝަންތައް ފަސޭހަކޮށް ކުރިއެރުވުމުގެ ފުރުސަތު އޮތްކަން ވެސް ސެޝަންތަކުގައި ވަނީ ފާހަގަކޮށްފަ އެވެ. އިންޓަރެކްޓިވް ސެޝަންތަކުގައި ބައިވެރިންނަށް ސުވާލުކޮށް ތަޖުރިބާކާރުންނާ ގުޅުމުގެ ފުރުސަތު ލިބުނު އިރު، އިވެންޓް ނިމުމުން ވަނީ ލަކީޑްރޯއެއް ބާއްވާފަ އެވެ.