ދަރަވަންދޫގެ ފަރުމަސްވެރިކަމާއި ރުއްގަހުގެ ބަލިތަކާ ގުޅޭގޮތުން މިނިސްޓަރު ޝިޔާމްއާ މަޝްވަރާކޮށްފި
22 ޖޫން 2026 - 18:31

ބ. ދަރަވަންދޫގެ ފަރުމަސްވެރިކަން ކުރިއެރުވުމާއި، އެ ރަށުގެ ރުއްގަހަށް ޖެހޭ ބަލިތައްކޮންޓްރޯލްކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެ ރަށު ކައުންސިލާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު އަޙްމަދު ޝިޔާމް ވަނީ ދަރަވަންދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

Ad by Hajj Corporation
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދަރަވަންދޫއަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންނެވެ. ޚާއްޞަކޮށް އެ ރަށުގައި ފަރުމަސްވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެ އިތުރުން، ދަރަވަންދޫގެ ރުއްގަހަށް ފެތުރެމުންދާ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ވުޒާރާގެ ފަންނީ އެހީތެރިކަން ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާ ގުޅިގެން "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ތައް ދަނީ ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމްތަކަކީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، މި ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށް ހިންގާ މުހިންމު ހަރަކާތްތަކެކެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ ރުއްގަހަށް ދިމާވާ ފަނިފަކުސާގެ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެންވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ރުކު މަޑި ކޮންޓްރޯލްކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ގަސްތަކަށް ޖެހޭ ބަލިތައް ތަހުލީލުކުރުމަށްޓަކައި މިހާރު ވަނީ ޤައުމީ ލެބޯޓަރީއެއްވެސް ޤާއިމްކޮށްފައެވެ.
މި ބައްދަލުވުމުގެ ސަބަބުން ދަރަވަންދޫގެ މަސްވެރިންނާއި ދަނޑުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބި، އެ ދާއިރާތަކުން ރަށުގެ އިޤްތިޞާދު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.


