logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީސީބީގެ ރައީސް ނިޒާރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ޒިދާން މުޙައްމަދު
24 ޖޫން 2026 - 12:23
ޕީސީބީގެ ރައީސް ނިޒާރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަކަށް ޢައްޔަންކުރައްވާފައިވާ މުޙައްމަދު ނިޒާރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މިމަޤާމަށް ނިޒާރު ޢައްޔަންކޮށްފައިވަނީ ޕީސީބީގެ ރައީސް މަޤާމުގައި ކުރިން ހުންނެވި، މުޙައްމަދު އަނަސް އިސްތިޢުފާ ދެއްވުމާއި ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ 30ގައެވެ.

ޕީސީބީގެ ރައީސްގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށްފަހު އެ ބޭފުޅަކަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވަންޖެހެއެވެ. އެގޮތުން، ރައީސް ޑރ. މުޢިއްޒު، ޕީސީބީގެ ރައީސް ނިޒާރަށް ރުހުން ހޯއްދެވުމަށް ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީން ވަނީ ދިރާސާކޮށް، ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ.

މުޙައްމަދު ނިޒާރަކީ ބައިނަލްއަޤުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މުޙައްމަދު ނިޒާރަކީ ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެކެވެ.

މީގެ ކުރިން 2014 އިން 2019 އަށްވެސް ނިޒާރު ވަނީ ޕީ.ސީ.ބީ ގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އެ މުއްދަތުގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން އެޖެންޑާ ކުރިއެރުވުމުގައި ނިޒާރުވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނިޒާމުތައް ހަރުދަނާކޮށް، މަސައްކަތުގެ ހިންގުން ހަލުވިކުރުމުގައި ނިޒާރުގެ އިސްނެންގެވުން ފާހަގަކޮށްލެވެއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، އެ ކުންފުނީގެ އިމްޕޯޓް، އެޑްމިނިސްޓްރޭޝަން، އައި.ޓީ، އަދި ސޭލްސް ފަދަ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް އެގްޒެކެޓިވް މަޤާމުތައް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. އެސްޓީއޯ ގައި އުޅުއްވި މުއްދަތުގައި އީ.އާރް.ޕީ ނިޒާމު ޤާއިމުކުރުމާއި، ސަޕްލައި ޗެއިން ހަރުދަނާކުރުމާއި، ބައިނަލްއަޤުވާމީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުން ފަދަ އިސްތިރާޖީ މުހިންމު މަޝްރޫޢުތަކުގައި ނިޒާރު ބައިވެރިވެވަޑައިގެންފައިވެއެވެ.

މީގެ އިތުރުން، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން، ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް، އަދި ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ ޤައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައިވެސް ނިޒާރު ވަނީ ޢަމަލީގޮތުން މަސައްކަތް ކުރައްވާފައެވެ.

މުޙައްމަދު ނިޒާރަކީ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަރނަންސް އާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި ނިޒާރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނިޒާރަށް ރުހުން ދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީސީބީގެ ރައީސް ނިޒާރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިޚަބަރު | ގަޑިއިރެއް ކުރިން