އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދިން މައްސަލަ ބަލަން ފަށައިފި
25 ޖޫން 2026 - 14:57
.png&w=3840&q=75)
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލައެއް ސަގާފީ ތަރިކަ ބަލަހައްޓާ ވުޒާރާގެ ސަމާލުކަމަށް އައިސްފިއެވެ. މިކަން ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އަމަލު ހިންގި ފަރާތްތައް ދެނެގަތުމަށްފަހު، ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެއެވެ. އުސްގެކޮޅަކީ 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ، ތާރީޚީ ގޮތުން ނުހަނު އަގުހުރި ބިނާއަކަށް ވާއިރު، މިފަދަ އަމަލުތަކުގެ ސަބަބުން އެތަނުގެ ސަގާފީ އަގަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އޮތްކަން ވުޒާރާއިން ފާހަގަކުރެއެވެ.

Ad by Hajj Corporation
އުސްގެކޮޅު ބެލެހެއްޓުމާ ގުޅޭގޮތުން ވުޒާރާއިން ބުނީ، އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢަކަށްޓަކައި އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެތަން ވުޒާރާއާ ޙަވާލުކޮށްފައި ނުވާކަން އެ ފަރާތުން ފާހަގަކުރެއެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) ބިނާކުރެއްވި ތަނެކެވެ. މިއީ ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް 74 އަހަރު ކުރިން ހުޅުވުނު އިމާރާތެވެ. އެދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ފުރިހަމައަށް ފެންނަން ހުރި މި ބިނާ ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި، ޤާނޫނީ އިމުގެ ތެރެއިން އެތަން ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.


