ޚަތީބުން ތަމްރީނުކުރުމުގެ މަސައްކަތް ނުކޮށްފިނަމަ، އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރު!
27 ޖޫން 2026 - 11:56

ޚަތީބުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ނުކޮށްފިނަމަ، ދީނީ ގޮތުން އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.
ޒުވާން ޚަތީބުން ތަމްރީންކުރުމުގެ ހަތަރުވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ މިއަދު ދައުލަތުން އެންމެ އިސްކަންދޭންޖެހޭ އެއް މަސައްކަތް ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްތަކެއްގައި އިމާމުންނާއި ޚުޠުބާ ކިޔާނެ މީހުން ނެތުމުގެ ދަތިކަން ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، އެ މައްސަލަ ހައްލުކުރުމަށް ވުޒާރާއިން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Hajj Corporation
އިމާމުންނަކީ މާތް ރަސޫލާގެ ހެޔޮ ދުޢާ ލިބިވަޑައިގެންފައިވާ ބައެއްކަން ހަނދާންކޮށްދެއްވަމުން، އިމާމުކަމާއި ބަންގި ގޮވުމަކީ ދީނީ ގޮތުން އުފުލަންޖެހޭ ވަރަށް މަތިވެރި އަމާނާތެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ. އަދި ޚަތީބުންނަކީ ހުރިހާ ގޮތަކުންވެސް މުޖުތަމައަށް ހުރި ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، އެއީ ލިބޭނެ އެންމެ ބޮޑު އެއް ޝަރަފު ކަމަށްވެސް ވިދާޅުވިއެވެ.

ޚަތީބުންގެ ސިފަތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ގަޑިއަށް ސަމާލުކަން ދިނުމާއި، ޚުޠުބާ ކިޔުމުގެ ކުރިން ރަނގަޅަށް ތައްޔާރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ޚުޠުބާގައި ހިމެނޭ އާޔަތްތަކާއި ހަދީސްތައް ތަޖުވީދުމަގުން ރީތިކޮށް ކިޔުމަށް ސަމާލުކަން ދިނުމަށް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.
ހުކުރު ޖަމާއަތަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި ބަދަހިކަން ދައްކުވައިދޭ މުހިންމު އަޅުކަމެއް ކަމަށާއި، އެފަދަ މަތިވެރި ޖަމާއަތެއްގެ އިސްވެރިއަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު ރަހުމަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ޚަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށްފައިވާއިރު، ރާއްޖޭގައި މިހާރު 310 ހާފިޒުން ތިބިކަންވެސް ވަޒީރު ހާމަކުރެއްވިއެވެ.
މި ފަހަރުގެ ޕްރޮގްރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 82 ޒުވާނުން ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.


