މާލޭގެ މަގުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ އަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ފަށަނީ
29 ޖޫން 2026 - 10:58

މާލެއާއި ވިލިމާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސާވޭގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތަށްފަހު މީޑިއާއާ ވާހަކަދައްކަވަމުންނެވެ.

Ad by Hajj Corporation
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގެ އެންމެ މައި މަގު ކަމަށްވާ މަޖީދީމަގާއި، ކަނބާއައިސާރާނީ ހިނގުމުގެ އިތުރުން ވިލިމާލޭގެ ހޮސްޕިޓަލަށް ދާން ބޭނުންވާ މަގުތަކުގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މަސައްކަތް ތަރުތީބުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ފެންބޮޑުވުމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ ސަރަހައްދުތަކަށާއި އާންމު ޚިދުމަތްތަކަށް މުހިންމު މަގުތަކަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މި މަޝްރޫޢު ކުރިއަށްގެންދަން ނިންމީ، މާލޭގެ މަގުތަކުގެ މައްސަލައަކީ ފަންނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި އަދި ބޮޑު ހޭދައެއް ހިނގާނެ މަސައްކަތަކަށް ވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާވެސް ބައިވެރިވެވަޑައިގެންނެވި މި ޒިޔާރަތުގައި، މިހާރު ކުރިއަށްދާ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތަކަކީ މުޅި މާލޭގެ މަގުތަކުގެ ހާލަތު ބަދަލުކޮށްލާނެ ފަދަ ތަފްސީލީ މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ލިބުނު އެހީގެ ދަށުން ހިންގާ މަޝްރޫޢެކެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމުގެ ރަމްޒެއްގެ ގޮތުން ކުރިއަށްދާ ނުހަނު މުހިންމު މަސައްކަތެކެވެ.
ޗައިނާ ސަފީރު ވިދާޅުވީ، މަޝްރޫޢުގެ ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، މިއީ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ، ނަމަވެސް ގޮންޖެހުންތަކުން ފުރިގެންވާ މުހިންމު މަސައްކަތެއް ކަމަށެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.


