ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރާ ގުޅުންހުރި 800 އަށްވުރެ ގިނަ މަޝްރޫއު ކުރިއަށް އެބަދޭ: ނިޔާޒް
6 ޖުލައި 2026 - 07:13

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރާ ގުޅުންހުރި 800 އަށްވުރެ ގިނަ މަޝްރޫއު މިހާރުވެސް ކުރިއަށް އެބަދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނައިބު އިބްރާހިމް ނިޔާޒް ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ވަނީ ވަރަށް ބޮޑަށް ވީރާނާ ވެފައިކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވެރިކަމާހަވާލުވެވަޑައިގެން، ކުޅިވަރުގެ ދާއިރާއިން އެންމެ ފުރަތަމަ ކުރައްވަން ޖެހިވަޑައިގަތް މަސައްކަތަކީ އަތޮޅުތެރޭގެ ރަށްރަށުގައި ތިބި ޒުވާނުނަށް ކުޅިވަރު ކުޅެވޭނެ ގޮތްތައް ތަނަވަސްކޮށްދިނުން ކަމަށެވެ. އެގޮތުގެމަތިން ވޭތުވެދިޔަ ދުވަސްތަކުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ޒުވާނުންނަށް ރަށްރަށުގައި ކުޅުވަރުކުޅެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށް ނިޔާޒް ވިދާޅުވިއެވެ.

Ad by Hajj Corporation
ނިޔާޒް ވިދާޅުވިގޮތުގައި މިހާރުވެސް އަތޮޅުތެރޭގައި މާލެ ސަރަހައްދު ވެސް ހިމެނޭހެން ކުޅިވަރާ ގުޅުންހުރި 800 އަށްވުރެ ގިނަ މަޝްރޫއުތައް ކުރިއަށް އެބަދާ ކަމަށެވެ. ވިދާޅުވީ އޭގެތެރިން ގިނަ ކަންކަން މިހާރު ވަނީ ނިމިފައި ކަމަށާއި އަދި ވަރަށް ގިނަ ކަންކަން ވަނީ ނިމުމުގެ މަރުހަލާގައި ކަމަަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ކޮންމެ ރަށެއްގައި އެފްއާރީސީ އަކާއި އައުޓްޑޯ ޖިމެއް ގާއިމުކޮށްދޭން ވީ ވައުދުގައި އިރާދަކުރެއްވިޔާ މިއަހަރު ނިމެންވާއިރަށް އަޅުގަނޑުމެން ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކޮށް ނިންމާނެ: ނިޔާޒް
މިހާރުވެސް ގިނަ ރަށްރަށުގައި އައުޓްޑޯ ޖިމްތައް ހުޅުވާ ރައްޔިތުންނަށް އެޖިމްތަކުގެ ބޭނުން ހިފޭނެ އިންތިޒާމުތައް ހަމަޖައްސަމުންގެންދާކަން ފާހަގަކޮށް ނިޔާޒް ވިދާޅުވީ އެފްއާރިސީތައްވެސް ބާރު ސްޕީޑުގައި ނިމެމުންދާ ކަމަށެވެ.
ނިޔާޒު ވިދާޅުވިގޮތުގައި އެމިނިސްޓްރީގެ އަމާޒަކީ ޒުވާނުންނަކީ ބިޔާކުރަނިވި ބަޔަކަށް ހެދުމާއެކު ކުޅިވަރަށް އަހުލުވެރިކުރުވުމެވެ.


