logo
Bank of Maldives

Bank of Maldives

ޚަބަރު

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

އައިޝަތު އިނާޝާ
9 ޖުލައި 2026 - 11:42
ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.

"ޔޫތު ހަބް" ގައި ބޭއްވި މި ރަސްމިއްޔާތަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެއްބާރުލުން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ. މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ "ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް" ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޗައިނާއާއެކު ބާއްވަމުންދާ ގާތް ގުޅުމުގެ ދަށުން ލިބުނު މި އެހީއަކީ ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެކެވެ. މި ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ސާމާނު ދިވެހި ސަރުކާރަށް ހަދިޔާކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް 5 އަހަރުގެ ގައުމީ ކެމްޕޭނެއްޚަބަރު | މަހެއް ކުރިން