އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއާއި އިންޑިއާ ދެމެދު މަޝްވަރާތަކެއް ބާއްވައިފި
9 ޖުލައި 2026 - 12:34

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދު، އިންޑިއާގެ މިނިސްޓަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔޫޝް ގޯޔަލްއާ އެކު ރަސްމީ މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމަކީ އިންޑިއާގެ ކޮމާސް މިނިސްޓަރުގެ ދައުވަތަކަށް މިނިސްޓަރު ސައީދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

Ad by Hajj Corporation
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ވިޔަފާރި، އިންވެސްޓްމަންޓް އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމުގެ މައްޗަށެވެ. ދެ ގައުމުގެ މިނިސްޓަރުން ވަނީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އައުކުރައްވައި، ދެ ގައުމަށް ވެސް ފައިދާހުރި ގޮތެއްގައި އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން ގެންގުޅޭ އިސްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، އިންޑިއާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް (އެފް.ޓީ.އޭ) ހިމެނޭގޮތަށް، މިހާރު ކުރިއަށްދާ އިގްތިސާދީ މަސައްކަތްތަކާ ގުޅޭގޮތުން ދެ މިނިސްޓަރުން މުރާޖައާ ކުރެއްވިއެވެ. މި އެއްބަސްވުމާ ގުޅޭ ރަސްމީ މަޝްވަރާތައް ފެށުމަށް ދެ މިނިސްޓަރުން މަރުހަބާ ވިދާޅުވިއިރު، ބިނާކުރަނިވި އަދި ދެ ފަރާތަށް ވެސް ފައިދާހުރި ގޮތެއްގައި މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ބޭފުޅުން ވެސް ވަނީ އިގުރާރުވެވަޑައިގެންފައެވެ.
މި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މާކެޓް އެކްސެސް އިތުރުވެ، ވިޔަފާރިއަށް މަގުފަހިވެ، ވިޔަފާރީގެ ހުރަސްތައް ކުޑަވެ، ދެ ގައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. މި މަޝްވަރާތަކުން ދޭހަވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ އެއްބާރުލުން ވަރުގަދަކުރުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުންތައް މެދުވެރިކޮށް ސްޓްރެޓީޖިކް ޕާޓްނަރޝިޕް އިތުރަށް ފުންކުރުމަށް ދެ ގައުމުގެ ސަރުކާރުން ދޭ އަހަންމިއްޔަތެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ސައީދުގެ އަރިހުގައި، އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު އައިޝަތު އަޒީމާއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްވެރިންގެ އިތުރުން އިންޑިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.


