logo
Bank of Maldives

Bank of Maldives

ރިޕޯޓް

ކުޑަކުޑަ ލުހްޔާ ދިރިއުޅުމަށް ކުރާ އުންމީދުގައި ކުލަ ޖައްސައިދިނުމަށް ތިޔަ ބޭފުޅުންގެ ދީލަތި އެހީއަށް ބޭނުންވެފައި

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޖުލައި 2026 - 14:30
ކުޑަކުޑަ  ލުހްޔާ ދިރިއުޅުމަށް ކުރާ އުންމީދުގައި ކުލަ ޖައްސައިދިނުމަށް ތިޔަ ބޭފުޅުންގެ އެހީއަށް ބޭނުންވެފައި

އުފަންވީއްސުރެ މައިބަދަ އާއި ގޮހޮރުގެ ބޮޑެތި މައްސަލަތަކެއް ދިމާވެ، އޭގެ އިންތިހާ ވޭން ތަހައްމަލުކުރަމުންދާ އުމުރުން އެންމެ 12 އަހަރުގެ ލުހްޔާގެ ފަރުވާއަށް އާންމުންގެ ދީލަތި އެހީތެރިކަމަށް އާއިލާއިން ވަނީ އެދިފައެވެ. "ކޯޑަލް ރިގްރެޝަން ސިންޑްރޯމް" އަށް ޑައިގްނޯސްވެފައިވާ ލުހްޔާއަށް ދިމާވެފައިވާ ނޭވާލުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރަންޖެހޭ މުހިންމު ސާޖަރީއަކަށާއި، ކުރިއަށް ހުރި ފަރުވާތަކަށް ފައިސާ ހޯދުމަށް އާއިލާއަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އުފަންވީއްސުރެ ތަހައްމަލުކުރަމުންދާ ވޭންދެނިވި ބަލިހާލަތު

Ad by Hajj Corporation

Ad by Hajj Corporation

ލުހްޔާ އުފަންވީ މައިބަދައިގެ ކަށިގަނޑާއި އުނަގަނޑުން ތިރީގެ ބައިތައް ފުރިހަމައަށް ނުއުފެދޭ ހާލަތެއްގައެވެ. އުފަންވިތާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބޮޑެތި ސާޖަރީތަކެއް ކުރެވުނު ނަމަވެސް، ހާލަތަށް އެދެވޭ ބަދަލެއް އައިސްފައި ނުވެއެވެ. އޭގެ ސަބަބުން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ލުހްޔާގެ މުޅި ދިރިއުޅުން މިހާރު ވޭތުކުރަމުން ދަނީ ވީލްޗެއާގެ އެހީގައެވެ. މިއީ އެންމެ 12 އަހަރުގެ ކުއްޖަކަށް އުފުލަން ފަސޭހަ ބުރައެއް ނޫނެވެ.

ނިޒާމީ މައްސަލަތަކާއި ދިމާވެފައިވާ އިތުރު ގޮންޖެހުންތައް

މީގެ އިތުރުން ލުހްޔާއަކީ ކުޑަކަމުދާ ނިޒާމާއި ބޮޑުކަމުދާ ނިޒާމުގެ އުނިކަމެއް ހުންނަ ކުއްޖެކެވެ. ހަށިގަނޑުން ނަޖިސް ބޭރުކުރުމަށްޓަކައި ބަނޑުގެ އެއްފަރާތުންނާއި ފޫޅުގެ ތިރިން ލޯވަޅެއް (ސްޓޯމާ) ހަދާފައިވީ ނަމަވެސް، ތަކުރާރުކޮށް މި ލޯވަޅު ބެދި ފާރުވުމުގެ ސަބަބުން ލޭ އައުމާއި އިންފެކްޝަން އަށަގަތުން ފަދަ އުނދަގޫތަކާ އޭނާ ކުރިމަތިލައެވެ. އަދި ބޮޑުކަމުދާ ތަކެތި ބޭރުވާ މަގު ބެދި، ބައެއްފަހަރު އަނގައިން ނަޖިސް ބޭރުވާ ހާލަތްތައް ވެސް އަންނަކަމީ އާއިލާއިން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމެކެވެ.

ނޭވާލުމުގެ ދަތިކަމާއި އަވަސް ފަރުވާގެ މުހިންމުކަން

މިކަންކަމުގެ އިތުރުން މިހާރު ލުހްޔާއަށް ވަނީ ނޭވާލުމުގައިވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައެވެ. ނޭފަތުގައި މަސްކޮޅެއް އުފެދި ދޮސްލުމުގެ ސަބަބުން އީއެންޓީ ޑޮކްޓަރަކަށް ދެއްކުމުން ވަނީ "ސިވިއާ އެޑިނޮއިޑް ހައިޕަޓްރޯފީ" ޖެހިފައިވާކަން ދެނެގަނެވިފައެވެ. މިކަމަށް ފަރުވާދިނުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގައި "ކޮބްލޭޝަން އެޑިނޮއިޑެކްޓޮމީ" ސާޖަރީއެއް ކުރުމަށް ވަނީ ނިންމާފައެވެ. މި ސާޖަރީއަކީ ލުހްޔާގެ ނޭވާލުމުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި މިހާރުން މިހާރަށް ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ.

ތައުލީމީ ދަތުރަށް އެޅިފައިވާ ހުރަސްތައް

ގިނަ ރޭތަކެއްގެ ނިދިން މަހުރޫމްވެފައިވާ ލުހްޔާއަކީ މީގެ ކުރިން ފުރޮޅުލީ ގޮނޑީގައި ސްކޫލަށް ގޮސް ތައުލީމު ހާސިލުކުރަމުން އައި ހިތްވަރުގަދަ ކުއްޖެކެވެ. އެހެންނަމަވެސް، މައިބަދައަށާއި ކަނދުރާގެ ބަދަތަކަށް ލިބިފައިވާ ސީރިއަސް ގެއްލުންތަކުގެ ސަބަބުން ޑޮކްޓަރުން ވަނީ ގިނަވަގުތު އިށީނދެ އިނުން މަނާކޮށްފައެވެ. މި ހާލަތާ ގުޅިގެން ކުއްޖާގެ ކިޔެވުން މިހާރު ވަނީ ގޭގައި ކިޔަވައިދޭ ގޮތަށް ބަދަލުކުރަން ޖެހިފައެވެ. މިއީ އޭނާގެ އިޖުތިމާއީ ދިރިއުޅުމަށްވެސް އެޅިފައިވާ ބޮޑު ހުރަހެކެވެ.

އާއިލާގެ މާލީ ހާލަތާއި އެހީތެރިކަމަށް އެދުން

ލުހްޔާގެ ބައްޕަ މުހައްމަދު އިޝާންއަކީ އެއާޕޯޓުގެ ބެގޭޖް ސާވިސްގައި ވަޒީފާ އަދާކުރާ މީހެކެވެ. އޭނާއަށް ލިބޭ އާމްދަނީން ގޭބިސީގެ ހަރަދުތައް ކަނޑާފައި، ދަރިފުޅުގެ ބޮޑެތި މެޑިކަލް ޓެސްޓުތަކާއި ސާޖަރީ އަދި ހޮސްޕިޓަލް ބިލްތައް ދެއްކުމަކީ އެ އާއިލާއަށް އުފުލަން ނުހަނު ދަތި މާލީ ބުރައެކެވެ. އާއިލާއިން ބުނީ ދަރިފުޅުގެ ފަރުވާ މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މާލީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

ލުހްޔާއަށް އެހީވަމާތޯ؟

އުފަންވީއްސުރެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާ ލުހްޔާގެ ހަޔާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަދިވެސް ގިނަ ފަރުވާތަކެއް ބޭނުންވެއެވެ. އާއިލާގެ އުންމީދަކީ ދައުލަތާއި، އާންމު މުޖުތަމައުގެ ފަރުދުންގެ ކިބައިން ދީލަތި އެހީތެރިކަމެއް ލިބި، ލުހްޔާގެ ފަރުވާގެ ކަންކަން ފުރިހަމައަށް ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްވެގެން ދިއުމެވެ. ކޮންމެ ކުޑަ އެހީއަކީވެސް ލުހްޔާގެ ހިނިތުންވުމާއި ފުރާނައަށް ލިބޭނެ އުންމީދެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަކުޑަ ލުހްޔާ ދިރިއުޅުމަށް ކުރާ އުންމީދުގައި ކުލަ ޖައްސައިދިނުމަށް ތިޔަ ބޭފުޅުންގެ އެހީއަށް ބޭނުންވެފައިރިޕޯޓް | 2 ގަޑިއިރު ކުރިން