ލ.ހިތަދޫ ކޯޒްވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2028ގެ މެދާއި ހިސާބަށް: މިނިސްޓަރު މުއްޠަލިބް
13 ޖުލައި 2026 - 06:21

ލ.ހިތަދޫ ކޯޒްވޭގެ މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް މަގު ބޭނުންކުރަން ފެށޭނީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލ.މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ވަނީ ލ.ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާ، ނިމޭނެ ދުވަހެއް ސާފުކުރުމަށް މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

Ad by Hajj Corporation
އެ ސުވާލުގެ ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ މަޝްރޫއުގެ އެއްބަސްވުމުގައި 22 ޖެނުއަރީ 2023ގައި އެ ސޮއިކޮށް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި 2 ސެޕްޓެމްބަރ 2023ގައި އެ މަސައްކަތް މޮބިލައިޒްކުރި ކަމަށް ރިޕޯޓްތަކުން ދެއްކިނަމަވެސް، އޭރު ފެށި ސަރވޭއާއި، ބޯހޯލްއާއި ގުޅުންހުރި މަސައްކަތްތައްވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، މި ސަރުކާރުންކަމަށެވެ.
އެގޮތުން ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި، ޑިޒައިންނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު، މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 20 އޮކްޓޯބަރ 2025ގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ފެށި މަޝްރޫޢެއް ކަމަށެވެ.
މި މަސައްކަތުގެ މުއްދަތަކީ 500 ދުވަހުގެ ތެރޭގައި ނިންމުން. މި މަސައްކަތުގެ އަގަކީ 81 މިލިއަން ރުފިޔާ. މި މަޝްރޫގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހެދިގެންދާނެ: މިނިސްޓަރު
މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލްބްލޮކްތައް ބަލްކްކޮށް ކާސްޓްކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މަސައްކަތްކުރަމުންދަނީ އަންނަ 2028 ވަނަ އަހަރުގެ މެދުތެރޭގައި މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް މަގު ބޭނުންކުރަން ފެށޭވަރު ކުރުމަށް ކަމަށެވެ.


