އިގްތިސޯދީ ތަފާސްހިސާބު ދައްކައިދޭ ޕޯޓަލް ތައާރަފު ކޮށްފި
21 ޖުލައި 2026 - 10:32
.webp&w=2048&q=75)
ދިވެހިރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) އިން އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ ޕޯޓަލް ތަޢާރަފު ކޮށްފި އެވެ.

Ad by Hajj Corporation
މި ޕްލެޓްފޯމް ލޯންޗުކޮށްފައިވަނީ، އެމް.ބީ.އެސް އަކީ ފަންނީގޮތުން މިނިވަން ޤައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅިތާ ފަސް އަހަރު ފުރުމުގެ މުނާސިބަތުގައި މިދިޔތަ ހޯމަ ދުވަހު އެވެ.
މި ޕޯޓަލް މެދުވެރިކޮށް އިންފްލޭޝަންގެ މައުލޫމާތާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީ.ޑީ.ޕީ) ގެ ތަފާސްހިސާބުތަކާއި އަދި އާބާދީގެ ލަފާކުރުންތައް ބަލާލެވޭނެ ކަމަށް އެ ބިއުރޯއިން ބުނެ އެވެ. މި ޕޯޓަލްގެ ސަބަބުން ޕޯޓަލް ބޭނުންކުރާ ފަރާތްތަކަށް، ފަސޭހަ އަދި ލުއި ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި މި ޕޯޓަލް އުފެއްދުމުގެ އެއް މަގުސަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން ހޭލުންތެރިކުރުވުން ކަމަށް ވެސް އެ ބިއުރޯއިން މައުލޫމާތުދެ އެވެ.
ތަފާސްހިސާބުގެ ޤާނޫނުގެ ސަބަބުން ޤައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، އަދި އާންމުން ހޭލުންތެރިކުރުމާ ބެހޭ ޤާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަނީ ވަރުގަދަވެފަ އެވެ. މި ޤާނޫނުގެ ދަށުން، އެމް.ބީ.އެސް އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. މި ބިއުރޯއާ ގުޅޭ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އެވެ. އަދި އެ ބިއުރޯ ހިންގަނީ މިނިސްޓަރ އޮފް ފިނޭންސްގެ އިރުޝާދުގެ ދަށުންނެވެ.


