ސަރަޙައްދީ އަދި ބައިނަލްއަގުވަމީ މައްސަލަތަކާ ބެހޭ ގޮތުން ބަންގްލަދޭޝްއާ މަޝްވަރާ ކޮށްފި
27 ޖުލައި 2026 - 10:41

ސަރަޙައްދީ އަދި ބައިނަލްއަގުވަމީ މައްސަލަތަކާ ބެހޭ ގޮތުން ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކުރައްވާފައި ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް އާއި ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ދެމެދު އެވެ. އެމަނިކުފާނު މިހާރު ވަނީ ގައުމަށް އަނބުރާ ފުރާވަޑައި ގަންނަވާފަ އެވެ. މި ދަތުރުފުޅު ނިންމަވާ، ޑރ. ޚަލީލުއްރަޙްމާން ފުރާވަޑައިގަތުމަށް އެއާރޕޯޓުން އެ މަނިކުފާނަށް އަލްވަދާޢު ވިދާޅުވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، ޑރ. މުޙައްމަދު ފަހުމީ ޙަސަން އާއި މިނިސްޓްރީގެ ބައެއް އިސް ވެރިންނެވެ.

Ad by Hajj Corporation
ޑރ. ޚަލީލުއްރަޙްމާން ރާއްޖެއަށް ވަޑައިގެންނެވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދިވެހި ސަރުކާރުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައެވެ. މިއީ 17 ފެބްރުއަރީ 2026 ގައި އެ މަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ އެވެ.

މި ދަތުރުފުޅުގައި ޑރ. ޚަލީލުއްރަޙްމާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް އާއެކު ބޭއްވި ރަސްމީ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް އެކުވެރި ގުޅުމުގެ މައްޗަށް ދެ ވަޒީރުން އަލިއަޅުވާލެއްވިއެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނޭ ގޮތްތަކާއި، އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވިއެވެ. ދެ ވަޒީރުންގެ މަޝްވަރާ ތަކުގައި ޞިއްޙީ، ތަޢުލީމީ، ދަނޑުވެރިކަން، މުޢާސަލާތީގުޅުން، ފަތުރުވެރިކަން، ލޭބަރ، ވިޔަފާރި އާއި އިންވެސްޓްމަންޓް، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރި ގުޅުމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުން އިސްކަންދޭ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން އެކުގައި މަސައްކަތް ކުރެއްވުމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގެންނެވިއެވެ.

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވި ސަރުކާރުގެ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަ އާބެހޭ ވުޒާރާ އާ ގުޅިގެން ލޮނުޒިޔާރަތް ޕާކުގައި ވަނީ ގަހެއް އިންދަވާފައެވެ. މިކަމުން ރަމްޒުކޮށްދެނީ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގައި އާއި ފެހި މުސްތަޤުބަލަކަށް ރާއްޖެ އާއި ބަންގްލަދޭޝް އިން ދޭ އަހައްމިއްޔަތެވެ. ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ވަނީ ބަންގްލަދޭޝް ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް 300 ކިލޯގެ "ޚިރްސާޕާތު" އަނބާއި، ދިވެހިރާއްޖޭގެ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން 20,000 ގަސް ހަދިޔާކުރައްވާކަން ފާހަގަކުރައްވާފަ އެވެ.


