logo
Bank of Maldives

Bank of Maldives

ޚަބަރު

އޭބީއޭގެ ޗެއާމަންކަމަށް ބީއެމްއެލް ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފި

އައިޝަތު ނަޝާ
31 ޖުލައި 2026 - 11:57
އޭބީއޭގެ  ޗެއާމަންކަމަށް ބީއެމްއެލް ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފި

ބޭޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ.

މިއީ މި މަޤާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، ޝަރީފް މަޤާމާ ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑަރޝިޕްގައި ޚިދުމަތްކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އޭނާ ވަނީ މަސައްކަތްކުރައްވާފައެވެ. އަދި ޝަރީފްގެ ލީޑަރޝިޕަށް އޮތް އިތުބާރުގެ ޔަޤީންކަމާއެކު، 2025 ވަނަ އަހަރު އަލުން އެ މަޤާމަށް ވަނީ އައްޔަންކުރައްވާފައެވެ.

 މި މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޝަރީފް ވިދާޅުވީ "އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން ކުރައްވާފައިވާ އިތުބާރަށްޓަކައި ޝުކުރުވެރިވާކަމަށާއި،އަމިއްލަ ތަޖުރިބާއާއެކު މި މަޤާމުގައި އޭބީއޭއަށް ޚިދުމަތްކޮށްދިނުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

" އަޅުގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިންގ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން." ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް

  ޗެއާމަންކަމުގެ މަޤާމާ ޝަރީފް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތަށް ފާހަގަކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިންގ ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ދެއްވިއެވެ.

 1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިންގ އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިންގ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.

އޭބީއޭ އިން ޝަރީފް މި މަޤާމަށް އައްޔަންކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިންގ ލީޑަރޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެއެވެ. އަދި މި ނިންމުމުން އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން އެމަނިކުފާނުގެ ތަޖުރިބާއަށް ކުރާ އިތުބާރު ދައްކުވައިދެއެވެ. މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.


Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭބީއޭގެ ޗެއާމަންކަމަށް ބީއެމްއެލް ސީއީއޯ މުޙައްމަދު ޝަރީފް އައްޔަންކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއޭޝިއަން ބޭންކަރސް ކޮންފަރެންސް ސެޕްޓެންބަރު 1ގައިޚަބަރު | 20 ގަޑިއިރު ކުރިންގައުމީ ބޭންކްގެ ސާފު ފައިދާ 1.3 ބިލިޔަން ރުފިޔާ އަށްޚަބަރު | ދުވަހެއް ކުރިންބީއެމްއެލްއިން "ލިވްއެބޯޑް ފައިނޭންސް" ތަޢާރަފްކޮށްފިވިޔަފާރި | 2 ދުވަސް ކުރިން