އަމީނީމަގުގެ މަރާމާތުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މިރޭ ފަށަނީ
2 އޯގަސްޓު 2026 - 11:21

އަމީނީމަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ 00:00 ގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މި މަސައްކަތާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެވޭނެ ކަމަށާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

Ad by Hajj Corporation
ފުލުހުން ވަނީ މަސައްކަތާ ގުޅިގެން ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލާގުޅޭ ޗާޓެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މިރޭ 00:00 ގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، މަސައްކަތް ފެށުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދުތަކެއް އެ ސަރަހައްދުން ނެންގެވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކޮށްފަ އެވެ.
ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ކުރިމަތިވާ ވަރަށް ވަނީ ހަލާކުވެފަ އެވެ. މި ގޮތަށް ހަލާކުވުުގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އެގޮތަށް ހުޅުވާލުމުން ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެ ލޭނު ވަރަށް ބޮޑަށް ހަލާކުވި އެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެ އެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހު އެވެ.


