logo
Bank of Maldives

Bank of Maldives

ޚަބަރު

އާމްދަނީ 10.9 އިންސައްތަ އިތުވެ، 24.1 ބިލިއަން ރުފިޔާއަށް

އައިޝަތު އިނާޝާ
3 އޯގަސްޓު 2026 - 04:25
އާމްދަނީ 10.9 އިންސައްތަ އިތުވެ، 24.1 ބިލިއަން ރުފިޔާއަށް

ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، 10.9 އިންސައްތަ އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިއަން ރުފިޔާއަށްވުރެ 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 12.1 އިންސައްތަ ނުވަތަ 2.0 ބިލިއަން ރުފިޔާ އިތުރުވެ، 16.4 ބިލިއަން ރުފިޔާއިން 18.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. މި މުއްދަތުގައި ޖީ.އެސް.ޓީ ގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.7 އިންސައްތަ ނުވަތަ 878.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތްތަކުން ނަގާ ޖީ.އެސް.ޓީން ލިބުނު އާމްދަނީ ވަނީ އިތުރަށް ކުރިއަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރުވެ، 3.1 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާއަށްވުރެ 371.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓީ.ޖީ.އެސް.ޓީ 8.0 އިންސައްތަ ނުވަތަ 507.2 މިލިއަން ރުފިޔާ އިތުރުވެ، 6.4 ބިލިއަން ރުފިޔާއިން 6.9 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 40.4 ބިލިއަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ، 23 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައެވެ.

ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 25.5 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 21.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތަ ނުވަތަ 4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އިތުރުވުމުން ދައްކުވައިދެނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި، ސިއްހީ ޚިދުމަތްތަކަށާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރި ގޮތެއްގައި ފައިސާ ޚަރަދުކުރަމުން ދިއުމެވެ.

މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި ޚަރަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިއަން ރުފިޔާއަށްވުރެ 739.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ނޮވެންބަރު 2025 ގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އައިސްފައިވާ ބަދަލެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.

އާސަންދައަށް ކުރި ޚަރަދު 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.1 ބިލިއަން ރުފިޔާއަށްވުރެ 14.8 އިންސައްތަ ނުވަތަ 161.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސަބްސިޑީއަށް ކުރި ޚަރަދު 79.0 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 23 ގެ ނިޔަލަށް ހޭދަކުރި 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލިފައިވާތީ ސަބްސިޑީއަށް ކުރާ ޚަރަދުތައް މި އަހަރުގެ ތެރޭގައި އުފުލިފައިވާކަން ފާހަގަކުރެވެއެވެ.

23 ޖުލައި 2026 ގެ ނިޔަލަށް ހުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސަރޕްލަސްއެއް ލިބިފައިވާއިރު، އޯވަރޯލް ބެލެންސް ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާމްދަނީ 10.9 އިންސައްތަ އިތުވެ، 24.1 ބިލިއަން ރުފިޔާއަށް ޚަބަރު | ގަޑިއިރެއް ކުރިންގްރީން ޓެކުހުގެ އާމްދަނީ 73.7 އިންސައްތައިން އިތުރުވެއްޖެޚަބަރު | އަހަރެއް ކުރިން