އެކްޓައިޒް ކުންފުންޏާ ރައީސް މުއިއްޒު އާ އެއްވެސް ގުޅުމެއް ނެތް: މުޖްތަބާ
6 އޯގަސްޓު 2026 - 05:59

އެކްޓައިޒް ޕްރައިވެޓް ލިމިޓެޑް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަމަށާއި މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢަކީ ކައުންސިލްގެ އިއްތިފާގުން ހިންގުނު ކަމެއް ކަމަށް ވެމްކޯ ގެ މެނޭޖިންގް ޑިރެކްޓަރު މުޖްތަބާ ޖަލީލް (މުޖޭ) ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ކުރީގެ މޭޔަރުކަމުގައި ހުންނެވިއިރު އެ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ، އެމަނިކުފާނުގެ ގާތްބޭފުޅެއްގެ މަސްލަހަތު އޮތް ކުންފުންޏަކަށް ނަހަމަގޮތުގައި ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމުރުކޮށްދެއްވުމަށް (ޕްރޮސިކިއުޓާ ޖެނެރަލް) ޕީޖީ އަށް ދެންނެވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

Ad by Hajj Corporation
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުޖްތަބާ ވިދާޅުވީ ކްޓައިޒް ޕްރައިވެޓް ލިމިޓެޑް އަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެއްވެސް ކަހަލަ ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށާއި، ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު، ކައުންސިލުން ކުރިއަށް ގެންދަން ނިންމާފައިވާ އެއްވެސް މަޝްރޫޢެއްގެ ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއަށް އެމަނިކުފާނު ވެދެވަޑައިގެންފައި ނުވާނެ ކަމަށެވެ.
2021 ނޮވެމްބަރުން 2023 އަށް މާލެ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް (އެސް.ޖީ) ގެ މަޤާމު އަދާކުރެއްވި މުޖުތަބާ ޖަލީލް ވިދާޅުވިގޮތުގައި މާލެ ސިޓީ ޑިޖިޓަލް ކުރުމުގެ މަޝްރޫޢަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގެ މައިގަނޑު އެއް ސްޓްރެޓެޖީ ކަމަށެވެ.
"އެކަން ވާނީ ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ކައުންސިލް ފްލޯގައި ނިންމައި، ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއިން އިޢުލާން ކޮށްގެން މަސައްކަތް ކުރާނެ ފަރާތެއް ކަނޑައެޅުނު ޕްރޮޖެކްޓަކަށް،" މުޖުތަބާ ހާމަކުރެއްވިއެވެ.


