logo
Bank of Maldives

Bank of Maldives

ޚަބަރު

ރުކުމަޑިއަށް ހަމަލާދޭ ސޫފާސޫފި އާލާކުރަން ސެންޓަރެއް ހުޅުވައިފި

އައިޝަތު އިނާޝާ
7 އޯގަސްޓު 2026 - 12:48
ރުކުމަޑިއަށް ހަމަލާދޭ ސޫފާސޫފި އާލާކުރަން ސެންޓަރެއް ހުޅުވައިފި

ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ 'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު ރަސްމީކޮށް ހުޅުވައިފި އެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހުޅުވި ސެންޓަރެކެވެ.

މި މަޝްރޫޢުގައި ހިމެނޭ "އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" އެއްބަސްވުމުގައި، މި މިނިސްޓްރީއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.

މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި، ޕެސްޓަށް ޙަމަލާދޭ ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުން ހިމެނެއެވެ. މި މަސައްކަތަށް ޚާއްޞަކޮށްގެން ޤާއިމުކުރެވޭ ސެންޓަރުގައި، ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެއެވެ.

23440000-a434-4fd5-8ac2-0b3bf00193bf-1786012303203.webp

ކޮކޮނަޓް ހިސްޕިޑް ބީޓްލް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއްކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ.

މި މައްސަލަ 2000 ވަނަ އަހަރުގެ ކުރީކޮޅު މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި ޕެސްޓް ފެތުރުން ހުއްޓުވުމަށާއި ރާއްޖެއިން އެ ނައްތާލުމަށްޓަކައި މިއަދާ ހަމައަށްވެސް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން، މިނިސްޓްރީގެ އެދުމުގެ މަތިން އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (FAO) އާ ގުޅިގެން، މި ޕެސްޓުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް "އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޕިޑް ބީޓްލް" މަޝްރޫޢު 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވަނީ އިފްތިތާޙުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށްޓަކައި ޕެރަސިޓޮއިޑް އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކައުންސިލްތަކާ ހިއްސާކުރުމުގެ މަސައްކަތްތަކާ، ޕެސްޓަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޕެސްޓް ކޮންޓްރޯލްކުރުމަށްޓަކައި ކަރަންޓީންގެ މިންގަނޑުތައް ވެސް ދަނީ ތަންފީޒުކުރަމުންނެވެ.

ނަމަވެސް، މި ޕެސްޓާއި ހުދުކޫޑި ފަދަ ރުއްތަކަށް ޖެހޭ ބަލިތައް އެދެވޭ މިންވަރަކަށް ކޮންޓްރޯލްކުރުމުގައި މިހާރުވެސް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭތީ، މި ފެށޭ ބޮޑު މަޝްރޫޢުގެ ސަބަބުން މިފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލްކޮށް، ނައްތާލުމަށް މަގުފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރުކުމަޑިއަށް ހަމަލާދޭ ސޫފާސޫފި އާލާކުރަން ސެންޓަރެއް ހުޅުވައިފިޚަބަރު | ގަޑިއިރެއް ކުރިން