"ރައްޔިތުންގެ އަޑު" ގައި ބައިވެރިވުމަށް އިތުރު 8 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި
13 އޯގަސްޓު 2026 - 17:34

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އިތުރު 8 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ލިބެނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް rayyithungeadu.presidency.gov.mv މެދުވެރިކޮށް، މި މަހުގެ 17 ވާ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރެއްވުމަށް ވަނީ އެދިފަ އެވެ.

Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށްލެއްވުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެ ފުރުސަތު ދެއްވުމަށް ފަށްޓަވާފައިވާ މި ސިލްސިލާގެ އުސޫލުގައިވާ ގޮތުން، ބައްދަލުވުމަށް އެދޭ މީހުންގެ އަދަދަށާއި، ކަނޑައެޅިފައިވާ ވަގުތަށާއި އިދާރީ އިންތިޒާމުތަކަށް ބަލައިގެން ފުރުސަތު ދިނުމަށް ނިންމާފައިވެ އެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމިއްލަ ވާހަކައާއި، ނިސްބަތްވާ އިދާރާއާ ގުޅުންހުރި ކަންކަމުގެ އިތުރުން މުޅި ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގެ ވާހަކަ ދެއްކޭނެ އެވެ. އަދި ރައީސާއެކު ބައްދަލުވުން އޮންނާނެ ތާރީހާއި ވަގުތު މުއާމަލާތް ކުރާ ވަސީލަތް މެދުވެރިކޮށް އަންގާނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
މި އުސޫލުގެ ދަށުން ބައްދަލުވުމަށް ހާޒިރުވާ ފަރާތާއެކު އެ މީހެއްގެ އަބިމީހާ ނުވަތަ ފިރިމީހާ، އެއް ދަރި، އަދި މަންމަ ނުވަތަ ބައްޕަ ގެންދެވޭނެ އެވެ. އަދި ކޮންމެ މީހަކަށްވެސް ވާހަކަ ދެއްކުމަށް 10 މިނިޓުގެ ވަގުތެއް ލިބިގެންދާނެ ކަމަށާއި، ބައްދަލުވުމުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ އަމަލުތައް އަދަބުވެރިކަމާއެކު ބެހެއްޓުމަށާއި، ބިރުދެއްކުމާއި ހުތުރު ބަހުން މުއާމަލާތް ކުރުން ފަދަ މަސްލަހަތު ގެއްލޭ ކަންކަމަށް ފުރުސަތު ނުދޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

-01.jpg&w=3840&q=75)
