ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27 ބިލިއަން ރުފިޔާ
21 އޯގަސްޓު 2026 - 06:10

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މި ރިޕޯޓަށް ބަލާއިރު، 13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.6 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ އިތުރުވުމެކެވެ. ފާއިތުވެދިޔަ ހަފުތާގައި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އެވެ.

Ad by Hajj Corporation
ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ޖުމްލަ 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 13 އޯގަސްޓް 2025 އާ ހަމައަށް ލިބުނު 6.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 447.1 މިލިއަން ރުފިޔާ ނުވަތަ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ. މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖުމްލަ ޓެކްސް (ޖީ.އެސް.ޓީ) އާމްދަނީ 9.9 ބިލިއަން ރުފިޔާއިން 10.7 ބިލިއަން ރުފިޔާއަށް ނުވަތަ (7.9 އިންސައްތަ އިތުރުވެފައިވާއިރު، އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ) އާމްދަނީ ވަނީ 3.1 ބިލިއަން ރުފިޔާއިން 3.5 ބިލިއަން ރުފިޔާއަށް ނުވަތަ 10.8 އިންސައްތަ މަތިވެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 18.8 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު ވަނީ 21.1 ބިލިއަން ރުފިޔާ ނުވަތަ 11.9 އިންސައްތަ އިތުރަށް ލިބިފައެވެ. ވިޔަފާރި ފައިދާއިނ ނަގާ ޓެކްސް 4.5 ބިލިއަން ރުފިޔާއިން 5.4 ބިލިއަން ރުފިޔާއަށް ނުވަތަ 20.6 އިންސައްތަ އިތުރުވެފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 1.8 ބިލިއަން ރުފިޔާއިން 2.1 ބިލިއަން ރުފިޔާއަށް ނުވަތަ 16.4 އިންސައްތަ މަތިވެފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 14.3 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ނުވަތަ 6.3 އިންސައްތަ އިތުރަށް ލިބިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ 5.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.9 އިންސައްތައިގެ ކުރިއެރުމެކެވެ. ހަރުމުދަލުން ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއިން 1.7 ބިލިއަން ރުފިޔާއަށް ނުވަތަ 32.1 އިންސައްތަ އިތުރުވެފައިވާއިރު، މީގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ (10.7 އިންސައްތަ) ހިމެނެއެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ނުވަތަ 15.4 އިންސައްތަ އިތުރަށް ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް ނުވަތަ 90.1 އިންސައްތަ މަތިވެފައެވެ.

-01.jpg&w=3840&q=75)
