ކޮޕް17 ގެ ހަވާސާގައި ސިޑްސް ގައުމުތަކަށް ހުރި ދަތިތަކާ ގުޅޭގޮތުން ރާއްޖެއިން ވާހަކަދައްކައިފި
22 އޯގަސްޓު 2026 - 06:10

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫއެންސީސީޑީ) ގެ ކޮޕް-17 ގެ ހަވާސާގައި، ޗައިނާ ޕެވިލިއަންގައި ބޭއްވި ޕެނަލް މަޝްވަރާއެއްގައި ރާއްޖޭގެ ޑިރެކްޓަރ އަޙްމަދު ޝާން ބައިވެރިވެވަޑައިގެންފިއެވެ.
އިރުމަތީ، ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ހާލަތާއި، ރިޕޯޓުކުރުމުގައި ދިމާވާ ދަތިތަކުގެ އިތުރުން ގާބިލުކަން އިތުރުކުރުމާ މެދު އަމާޒުކޮށްގެން ބޭއްވި މި ބައްދަލުވުމުގައި ޝާން ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް)، ޚާއްސަކޮށް ތިރި ފަރުފަޅުތަކުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކަށް 'ޕްރައިސް' ރިޕޯޓިންގ ޕްލެޓްފޯމް ބޭނުންކުރުމުގައި ދިމާވާ ފަންނީ ދަތިތައް ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation
އެގޮތުން މިހާރު އެ ޕްލެޓްފޯމް އެކުލަވާލެވިފައިވާ ގޮތާއި ބޭނުންވާ މައުލޫމާތުތަކަކީ، ރާއްޖެ ފަދަ ބިމުގެ ސަރަހައްދު ކުޑަ، ރަށްތައް ވަކިވަކިން ބެހިފައިވާ އަދި މޮނިޓަރ ކުރުމުގެ ގާބިލުކަން ކުޑަ ގައުމުތަކުގެ ހަގީގީ ހާލަތާ އެކަށޭނަ ގޮތަކަށް ހުރި ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ބިމުގެ ބޭނުން ހިފާ ގޮތް ދެނެގަތުމަށް ބޭނުންކުރާ ސެޓެލައިޓް ފޮޓޯތަކުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން، ރާއްޖޭގެ ތިމާވެށި ދެނެގަތުމަށާއި ޕްލޭން ކުރުމަށް މުހިންމުވާ ކުދިކުދި ބިމުގެ ގިރުމުގެ މައްސަލަތަކާއި އައްސޭރިފަށަށް އަންނަ ބަދަލުތައް ސާފުކޮށް ނުފެންނަކަން ޝާން ފާހަގަކުރެއްވިއެވެ.
ރާއްޖެއިން އުއްމީދު ކުރަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ކޮޕް އާ ގުޅިގެން، ކުދި ޖަޒީރާ ގައުމުތަކާ ގުޅޭ އުސޫލުތައް އެކަށައެޅުމަށާއި، ރަނގަޅު ފެންވަރުގެ (ހައި-ރިޒޮލިއުޝަން) ޑޭޓާ ހޯދުމަށެވެ. އަދި ސައްހަ މައުލޫމާތު ރިޕޯޓުކުރުމަށާއި މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި، ގައުމުތަކަށް ބޭނުންވާ ފަދަ ޚާއްސަ ތަމްރީނާއި ގާބިލުކަން އިތުރުކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
