އިންފޮމޭޝަން ކޮމިޝަނަރަކަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަށް ރުހުުން ހޯދަނީ
23 އޯގަސްޓު 2026 - 05:57

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މި ނަން ހުށަހަޅުއްވާފައިވަނީ މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

Ad by Hajj Corporation
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށްފަހު އެންމެ ފުރަތަމަ އެ މަޤާމަށް ވަޑައިގެންނެވި ބޭފުޅާއެވެ. އޭނާ އެންމެ ފުރަތަމަ އެ މަޤާމަށް ޢައްޔަންކުރެއްވީ 2014 ޖުލައި 22 ގައެވެ. އަދި 2019 ޖުލައި 22 އާ ހަމައަށް އެ މަޤާމު ފުރުއްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ބަހުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މަގާމަށް ހުށަހެޅުއްވިއިރު ހުންނެވީ ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނީ ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ މިނިވަން ބޭފުޅެއްގެ ގޮތުގައެވެ.

-01.jpg&w=3840&q=75)
