logo
MPL

MPL

ޚަބަރު

އެންމެ ބޮޑު އިސްކަމެއް ދޭނީ މުއައްސަސާތަކުން އަމިއްލަ އަށް އިސްނަގައި މައުލޫމާތު ހާމަކުރުމަށް: އަބްދުލްއަޒީޒު

އަޙުމަދު ރިޝާން
24 އޯގަސްޓު 2026 - 11:02
އެންމެ ބޮޑު އިސްކަމެއް ދޭނީ މުއައްސަސާތަކުން އަމިއްލަ އަށް އިސްނަގައި މައުލޫމާތު ހާމަކުރުމަށް: އަބްދުލްއަޒީޒު

އިންފޮމޭޝަން ކޮމިޝަނަރުކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ބޭނުންފުޅުވަނީ މައުލޫމާތު ހޯދަން އެދުމުގެ ކުރިން މައުލޫމާތު ހާމަކޮށްފައި ހުރިކަން ޔަގީން ކުރުން ކަމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާ ވާހަކަދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މައުލޫމާތު ހޯދައި ލިބުމުގެ ޙައްޤުގެ ޤާނޫނުގެ އަސްލު މަޤުސަދަކީ ދައުލަތުގެ މުއައްސަސާތަކުން އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކޮށްފައި ހުރުމެވެ. އެހެންކަމުން ރައްޔިތުން މައުލޫމާތަށް އެދެންޖެހޭ މިންވަރު ވީހާވެސް ކުޑަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އެމަނިކުފާނު މި މަޤާމަށް ދެވަނަ ފަހަރަށް ކުރިމަތިލެއްވީ ކުރިން އެ މަޤާމުގައި ހުންނެވިއިރު ގެންގުޅުއްވި މުހިންމު އަސާސްތައް މިހާރު ގެއްލެމުންދާތީ، އެކަންކަން އަލުން އިއާދަކޮށް ދިރުވުމަށް ކަމަށް ވިދާޅުވިއެވެ.

މަސްލަހަތު ގެއްލޭފަދަ ކަންކަމުގައި ވަގުތުން އާންމު އަޑުއެހުންތަކަށް ދިއުމުގެ ބަދަލުގައި، އިދާރާތަކާ މަޝްވަރާކޮށްގެން ޑިޕްލޮމެޓިކް އުސޫލުން މައްސަލަތައް ހައްލުކުރުމަށް ބޮޑެތި އިސްކަންތަކެއް ދެއްވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ނިންމާލަމުން، އޮފީހުގެ ވެބްސައިޓުފަދަ ނިޒާމުތައް އިތުރަށް ފުރިހަމަކޮށް، މިހާރު ހުރި އިދާރީ މައްސަލަތައް ހައްލުކުރައްވައިގެން ހިދުމަތްތައް ހަރުދަނާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ ރާއްޖޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށްފަހު އެންމެ ފުރަތަމަ އެ މަޤާމަށް ވަޑައިގެންނެވި ބޭފުޅާއެވެ. އޭނާ އެންމެ ފުރަތަމަ އެ މަޤާމަށް ޢައްޔަންކުރެއްވީ 2014 ޖުލައި 22 ގައެވެ. އަދި 2019 ޖުލައި 22 އާ ހަމައަށް އެ މަޤާމު ފުރުއްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ބަހުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މަގާމަށް ހުށަހެޅުއްވިއިރު ހުންނެވީ ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން، ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރައްވަމުން ގެންދަވާނީ ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާ މިނިވަން ބޭފުޅެއްގެ ގޮތުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންމެ ބޮޑު އިސްކަމެއް ދޭނީ މުއައްސަސާތަކުން އަމިއްލަ އަށް އިސްނަގައި މައުލޫމާތު ހާމަކުރުމަށް: އަބްދުލްއަޒީޒުޚަބަރު | 2 ގަޑިއިރު ކުރިން