ގޮންޖެހުންތަކާ އެކު ވެސް ކާޑާއި ގޭސް ފަދަ އަސާސީ ތަކެއްޗަށް ނުޖެހޭ ގޮތަށް ސަރުކާރުން އިންތިޒާމު ހަމަޖެެއްސި: ސައީދު
24 އޯގަސްޓު 2026 - 11:28

ހަނގުރާމައިގެ ހާލަތާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ރާއްޖެއިން ކާޑާއި، ތެލާއި އަދި ގޭހުގެ ބާވަތްތައް ހުސްނުވެ ލިބޭނެ އިންތިޒާމު ވަރަށް ހަރުދަނާ ވިލަރެހެއްގެ ދަށުން ސަރުކާރުން ކަށަވަރުކޮށްފައިވާ ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation
ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ރާއްޖޭގައި ވަރަށް ބޮޑު ދަރަންޏެއް އޮތް ކަމަށާއި، ނަމަވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން އެ ސުކޫކް ޕޭމަންޓް މިހާރު ދައްކައި ޚަލާޞްކޮށްފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ސިންދަފާތު (ޑައިވަރސިފައި) ކުރުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
ބާޒާރުގެ އަގުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާތީ ރާއްޖޭގައިވެސް ބައެއް ތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ އޭގެ އަސަރު ރައްޔިތުންނަށް ވީހާވެސް ކުޑަކުރުން ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ވޭތުވެދިޔަ ރަމަޟާން މަސްތަކުގައި ތަކެތީގެ އަގުތައް މީގެ ކުރިން އިންތިހާއަށް އުފުލިގެން ދިޔަ ގޮތަށް ގޮސްފައި ނުވާކަން ފާހަގަކުރެއްވިއެވެ.
" ކަނޑުމަގުން މުދާ ގެނައުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން.އެކަން ހައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ނޮވެންބަރު މަހު ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަ ދޭ.އެގޮތުން ތިލަފުށީގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޕޯޓެއް ޤާއިމުކުރެވޭއިރު، ގުދަންތަކާއި، ކޯލްޑް ސްޓޯރޭޖު އަދި ޑްރައި ގުޑްސް ބެހެއްޓޭނެ ފުރިހަމަ އިންތިޒާމުތައް ހަމަޖެހިގެންދާނެ" ވަޒީރު ސައީދު
އަދި 2027 ވަނަ އަހަރު މާލޭ ބަނދަރުގެ ހުރިހާ އޮޕަރޭޝަނެއް ތިލަފުށްޓަށް ބަދަލުކޮށް، 2028 ވަނަ އަހަރުގެ ނިޔަލަށް ފުލް އޮޕަރޭޝަނަށް ގެނައުމުން، މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކުގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
