އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް ތައާރަފުކޮށްފި
30 އޯގަސްޓު 2026 - 08:11

އެސްއެމްއީ ޑިޖިޓަލްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިތުރު މުހިންމު ކުރިއެރުމެއް ހޯދައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މިއަދު ތައާރަފްކުރި މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް ހިދުމަތްތައް ހޯދޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ

Ad by Hajj Corporation
ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަން މެދުވެރިކޮށް، އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް އެދުމާއި، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ވަގުތުން ބަލައިލެވޭނެއެވެ.
މީގެއިތުރުން ނަގާފައިވާ ފައިނޭންސިން ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި، ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ އިތުރުން ވަގުތުން ނޮޓިފިކޭޝަންތައް ލިބި، މުއާމަލާތްކުރެވޭނެ އިންތިޒާމުވެސް މި އެޕްގައި ވަނީ ހަމަޖައްސާފައެވެ.
މޮބައިލް އެޕް އިފްތިތާހު ކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ހިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރާ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕް ސްޓޯ އަދި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، އެޕް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވޭނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

-01.jpg&w=3840&q=75)
