logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމަށް ދޫކުރި ތަންތަނަށް މުއްދަތު އިތުރުކުރެވޭނީ އެއް ލައްކަ ޑޮލަރުގެ ފީއަކާއެކު

މެންދުރު ޓީމް
12 ސެޕްޓެމްބަރު 2026 - 17:28
ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ވިޒިޓް މޯލްޑިވްސް

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްގީކޮށް ނުނިމި ހުރި ތަންތަނަށް އިތުރު މުއްދަތު ދޭނީ، ދައުލަތަށް އެއް ލައްކަ އެމެރިކާ ޑޮލަރުގެ ފީއެއް ދެއްކުމުގެ އިތުރުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ފުރިހަމަކުރުމުން ކަމަށް ކަނޑައަޅައި، އައު ގަވާއިދަކަށް އަމަލުކުރަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ހެދި ގަވާއިދު ނަންބަރު ‪2026/R-80 އަށް އަމަލުކުރަން ފެށީ 10 ސެޕްޓެންބަރު 2026 ގައި ގެޒެޓުކުރުމާއެކުއެވެ. ގާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން ހެދި މި ގަވާއިދުގައި 20 މާއްދާއާއި ޖަދުވަލެއް ހިމެނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ގަވާއިދު ނަންބަރު ‪2022/R-236 އާއި އެއަށް ގެނައި ތިން އިސްލާހު ވަނީ އުވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ، ރަށެއް ނުވަތަ ބިމެއް ނަމަ 12 މަސްދުވަހެވެ. ފަޅެއް ނަމަ 24 މަސްދުވަހެވެ. އެންމެ ކުރު މުއްދަތަކީ އެއް މަހެވެ. މުއްދަތު އިތުރުކޮށްދެވޭނީ، ކުލީގެ އެއްބަސްވުމުގައި ދީފައިވާ ގްރޭސް ޕީރިއަޑުގެ ތެރޭގައި އެ ތަނެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ތަންތަނަށެވެ. އަދި މުއްދަތު އިތުރުކުރަން އެދޭއިރު، ގްރޭސް ޕީރިއަޑުގެ ބާކީ އޮތް މިންވަރު ތިން މަހަށްވުރެ އިތުރުވެގެން ނުވާނެއެވެ.

ސީ.އެސް.އާރު ފުރިހަމަކުރެވޭނީ ދެ ގޮތަކުންނެވެ. އެއީ ގަވާއިދުގެ ޖަދުވަލުގައިވާ އަދަދަށްވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރުން، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަރައްގީގެ މަޝްރޫއަކަށް ހަރަދުކުރުމެވެ. މި ފައިސާ ދައްކަން ޖެހެނީ، ތަން ތަރައްގީކުރުމަށް މިނިސްޓްރީން ކޮންޑިޝަނަލް އެޕްރޫވަލް ދޭ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ. އެ މުއްދަތުގައި ނުދައްކައިފި ނަމަ ކޮންޑިޝަނަލް އެޕްރޫވަލް ބާތިލުވެ، ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ޖަދުވަލުގައި ސީ.އެސް.އާރުގެ އަދަދު ކަނޑައަޅާފައިވަނީ، ރަށް އޮތް ޒޯނަށާއި ރަށުގެ ބޮޑުމިނަށާއި އިތުރުކުރެވޭ މުއްދަތުގެ ދިގުމިނަށް ބަލައިގެންނެވެ. އެގޮތުން މަހަކަށް ދައްކަންޖެހޭ އަދަދު ފެށެނީ ހއ، ހދ، ށ، ޏ އަދި ސ ހިމެނޭ ޒޯނުގައި 1,500 ޑޮލަރުންނެވެ. އެންމެ މަތީ އަދަދަކީ، ކ، އއ އަދި އދ ހިމެނޭ ޒޯނުގައި 50 ހެކްޓަރަށްވުރެ ބޮޑު ރަށެއް 12 މަހަށްވުރެ ދިގު މުއްދަތަކަށް ދަންމައިލާ ނަމަ މަހަކު ދައްކަންޖެހޭ 10,000 ޑޮލަރެވެ.

އިތުރުކޮށްދޭ ކޮންސްޓްރަކްޝަން ޕީރިއަޑު ހަމަވާއިރު ތަނުގެ މަސައްކަތުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ ބޮޑު ބައެއް ނިމިފައިވާ ނަމަ، ކުއްޔަށް ހިފި ފަރާތުގެ އިގުރާރަކާއެކު މިނިސްޓްރީން ތަން ބަލައި ކަށަވަރުކުރުމަށްފަހު އިތުރު މުއްދަތެއް ދެވިދާނެއެވެ. ނަމަވެސް ނިމިފައިވަނީ 50 އިންސައްތައަށްވުރެ ދަށް މިންވަރެއް ނަމަ، ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

މުއްދަތު އިތުރުކޮށްދޭ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުން، އެ ފައިސާ ދެއްކުމަށް ދެ ގޮތެއް ދީފައިވެއެވެ. ފުރަތަމަ ގޮތަކީ، އޮޕަރޭޓިންގ ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން ދެ އަހަރު ހަމަވުމުން، އިންޓަރެސްޓަކާ ނުލައި ފަސް އަހަރަށް ބަހައިލައިގެން ކޮންމެ އަހަރެއްގެ ހަތަރު ކުއާޓަރުގައި ހަމަހަމަޔަށް ދެއްކުމެވެ. ދެވަނަ ގޮތަކީ، އަހަރަކު 3 އިންސައްތަ ސިމްޕަލް އިންޓަރެސްޓާއެކު، ކުލީގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް ބަހައިލައިގެން ދެއްކުމެވެ. ގޮތެއް އިހުތިޔާރުކުރާނީ ތަން ކުއްޔަށް ހިފި ފަރާތުންނެވެ.

ހިންގަމުންދާ ތަނެއް ރީ-ޑިވެލޮޕްމަންޓަށް ބަންދުކުރެވޭނީ މިނިސްޓްރީގެ ހުއްދަ ހޯދުމަށްފަހުއެވެ. އެ ހުއްދަ ދޭނީ ވެސް ލައްކަ ޑޮލަރުގެ ފީއާއި ސީ.އެސް.އާރަށް އެއްބަސްވާ ނަމައެވެ. ބަންދުކުރާ މުއްދަތުގައި ދައްކަންޖެހޭ ކުލި ފަސްކޮށްދެވިދާނެ ނަމަވެސް، ރީ-ޑިވެލޮޕްމަންޓް ޕީރިއަޑު ހަމަވުމުން ކުލި ހިނގަން ފަށާނެއެވެ. ފަސްކޮށްދޭ ފައިސާ ދައްކަން ޖެހެނީ އެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 24 މަހުގެ ތެރޭގައި ކުއާޓަލީ އިންސްޓޯލްމަންޓަށެވެ.

ރީ-ޑިވެލޮޕްމަންޓް ޕީރިއަޑުގައި ތަން ހުޅުވިފައިނުވާ ނަމަ ނޯޓިސް ދިނުމަށްފަހު، މަސައްކަތް ނިންމުމަށް އިތުރު ހަ މަހުގެ މުއްދަތެއް ތިން ލައްކަ ޑޮލަރުގެ ފީއަކަށް، ނުވަތަ 12 މަހުގެ މުއްދަތެއް ހަ ލައްކަ ޑޮލަރުގެ ފީއަކަށް ދެވިދާނެއެވެ. މިގޮތުން ދެވޭނެ އެންމެ ދިގު މުއްދަތަކީ 12 މަހެވެ. އެ މުއްދަތުގައި ވެސް ހިދުމަތް ދޭން ފަށާފައިނުވާ ނަމަ ކުލީގެ އެއްބަސްވުން ބާތިލުކުރެވޭއިރު، އެފަދަ ހާލަތެއްގައި ސަރުކާރުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ދިގު މުއްދަތެއް ފާއިތުވެފައިވާ ތަންތަނަށް ހާއްސަ އިޖުރާތެއް ވެސް ކަނޑައަޅާފައިވެއެވެ. އެގޮތުން، ތަރައްގީކުރުމަށް ދީފައިވާ މުއްދަތުން އަށް އަހަރު ފާއިތުވެ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ 10 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާ ތަންތަނާއި، ތަރައްގީކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ކޮށްފައިނުވާ ތަންތަނުގެ ކުލީގެ އެއްބަސްވުންތައް، އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ބާތިލުކުރާނެއެވެ. ނަމަވެސް ރަހުނުކޮށްފައިވާ ތަނެއްގެ އެއްބަސްވުން ބާތިލުކުރާ ނަމަ، އޭގެ ކުރިން ރަހުނު ހިފި ފަރާތަށް އަންގަން ޖެހެއެވެ.

ކޯޓުގެ ހުކުމަކާ ނުވަތަ އަމުރަކާ ގުޅިގެން ތަނެއްގެ ހެޑްލީޒް ރައިޓްސް އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި، ކޮންސްޓްރަކްޝަން ޕީރިއަޑު ގުނަން ފަށާނީ އެ ރައިޓްސް ބަދަލުކުރާ ތާރީހުން ފެށިގެންނެވެ. އަދި އެފަދަ ހާލަތެއްގައި ލައްކަ ޑޮލަރުގެ ފީއާއި ސީ.އެސް.އާރު ފުރިހަމަކުރާކަށް ނުޖެހޭނެއެވެ.

ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮންސްޓްރަކްޝަން ޕީރިއަޑު އިތުރުކޮށްދީފައިވާ ތަންތަނަށް ދީފައިވާ ލުއިތައް، ކުރިން އަމަލުކުރަމުން އައި ގޮތަށް ދެމިގެންދާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމަށް ދޫކުރި ތަންތަނަށް މުއްދަތު އިތުރުކުރެވޭނީ އެއް ލައްކަ ޑޮލަރުގެ ފީއަކާއެކުޚަބަރު | 17 މިނިޓު ކުރިން