އޭސީއައިއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި "އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް އިފްތިތާހުކުރުން
21 އޮކްޓޯބަރު 2024 - 05:18
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުރިއަށް ގެންދާ "އެއާޕޯޓް އެކްސެލެންސް އިން ސެކިއުރިޓީ" (އެޕެކްސް އިން ސެކިއުރިޓީ) ޕްރޮގްރާމް ރަސްމީކޮށް ފަށައިފި އެވެ. މިއީ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތަކާއެކު ފެށި ފަސް ދުވަހަށް ދެމިގެންދާނެ ޕްރޮގްރާމެކެވެ.
މި ޕޮރޮގްރާމުގައި ވީއައިއޭގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސަތްކަތް ކުރިޔަށްދާނެއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވަނީ ވީއައިއޭ ހަލުވިކަމާއެކު ކުރިއެރުމާއި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެއާލައިންތަކާއި ފަސިންޖަރުންގެ އަދަދު އިތުރުވަމުންދާއިރު، އެމްއޭސީއެލް އިން އެންމެ ބޮޑު އިސްކަމެއް ދެނީ އެއާޕޯޓުގެ ހިދުމަތުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެޕެކްސް އިން ސެކިއުރިޓީ ޕްރޮގްރާމްގެ މަގްސަދަކީ ވީއައިއޭގެ ސެކިއުރިޓީ ޕްރޮޓޮކޯލްތައް ދެނެގަނެ، ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ. މި އެސެސްމަންޓަކީ އެއާޕޯޓް ސެކިއުރިޓީ އޮޕަރޭޝަންސްގެ ތަޖުރިބާކާރުންގެ އެއްބާރު ލުމާއެކު ކުރިއަށް ގެންދާ އެސެސްމަންޓްއެކެވެ. އަދި މި އެސެސްމަންޓަށް ޔޫރަޕިއަން ސިވިލް އޭވިއޭޝަން ކޮންފަރެންސް (އީސީއޭސީ) ގެ އެހީތެރިކަންވެސް ލިބެއެވެ.
އެމްއޭސީއެލް އިން ވީއައިއޭގައި ބައިނަލްއަގްވާމީ ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނައިރު، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އޭސީއައި އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް އެމްއޭސީއެލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެޕެކްސް ސެކިއުރިޓީ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯގެ އިތުރުން، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަމްއާނާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން އަދި އެޕެކްސް އެސެސްމަންޓް ޕްރޮގްރާމް ހިންގަވާ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.