ހަމޭސް ރޮޑްރީގޭޒް ޤައުމީ ޓީމުން ރިޓަޔަރމަންޓް އިޢުލާނުކޮށްފި
16 ސެޕްޓެމްބަރު 2026 - 05:18

ކޮލޮމްބިއާގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލިކަން އެ ޓީމުގެ ތަރި އަދި ކެޕްޓަން ހަމޭސް ރޮޑްރިގޭޒް ރަސްމީކޮށް އިއުލާނުކޮށްފިއެވެ. މިއާއެކު އުމުރުން 35 އަހަރުގެ މިޑްފީލްޑަރު ވަނީ ގައުމީ ޓީމާއެކު ހޭދަކުރި ފާހަގަކޮށްލެވޭ ދިގު ކެރިއަރަށް ނިމުމެއް ގެނެސްފައެވެ.
ރޮޑްރިގޭޒް ވަނީ ކޮލޮމްބިއާގެ ގައުމީ ޓީމަށް 131 މެޗު ކުޅެދީ، 31 ލަނޑު ޖަހައި، 40 އެސިސްޓް ފޯރުކޮށްދީފައެވެ. ގައުމީ ޓީމުން ރިޓަޔާކުރިކަން ހާމަކުރަމުން ރޮޑްރިގޭޒް ބުނެފައިވަނީ، “މިއީ ވަގުތު. ކޮންމެ މެޗަކަށް، ކޮންމެ އުފަލަކަށް، ކޮންމެ ކަރުނައަކަށް އަދި އެކުގައި ދުށް ކޮންމެ ހުވަފެނަކަށް ޝުކުރިއްޔާ. ކޮލޮމްބިއާ ގައުމީ ޓީމުގެ ކުލަތައް ދިފާއުކުރުމަކީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު. ޝުކުރިއްޔާ، ކޮލޮމްބިއާ. އަބަދުވެސް ހިތުގައި ވާނެ” އެވެ.

Ad by Hajj Corporation
ރޮޑްރިގޭޒް ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު މަގުބޫލުކަމެއް ހޯދީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ މުބާރާތުގައި ޖެހި ހަ ލަނޑާއެކު އޭނާ ރަން ބޫޓު ހޯދިއިރު، އުރުގުއާއީއާ ދެކޮޅަށް އޭނާ ޖެހި ވޮލީ ލަނޑަކީ ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ ލަނޑެކެވެ. މީގެއިތުރުން، ކޮލޮމްބިއާ ފައިނަލަށް ދަތުރުކުރި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ މުބާރާތުގައި ހަ އެސިސްޓް ހަދައި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ހޯދިއެވެ.
ގައުމީ ޓީމާއެކު ރޮޑްރިގޭޒް ކުޅުނު އެންމެ ފަހު މުބާރާތަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ މުބާރާތުގައި ކޮލޮމްބިއާ ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކޮށްފައެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް، އެނބުރި ކޮލޮމްބިއާގެ ފުޓްބޯޅައަށް އައިސް، ކްލަބް އެތުލެޓިކޯ ނެސިއޮނަލްގައި އޭނާ އަދިވެސް އަންނަނީ ކްލަބް ކެރިއަރު ކުރިއަށް ގެންދަމުންނެވެ. ރޮޑްރީގޭޒް ވަނީ މީގެކުރިން ރެއާލް މެޑްރިޑް އަށްވެސް ކުޅެ، އެކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.


