އިމްތިޙާނުގައި ނަފްސަށް އިތުބާރުކުރުމާއެކު ރަނގަޅު ނަތީޖާ ހޯދުމަށް އަޒުމް ކަނޑައަޅަންޖެހޭ: ނައިބު ރައީސް
20 ސެޕްޓެމްބަރު 2026 - 12:52

އޯލެވެލް އިމްތިޙާނާ ކުރިމަތިލާ ހުރިހާ ދަރިވަރުންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރުމާއެކު އެންމެ ރަނގަޅު ނަތީޖާ ހޯދުމުގެ ޢަޒުމު ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ދަރިވަރުން ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިޙާނެއްކަން ފާހަގަކުރައްވައި، ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފްސަށް އިތުބާރުކޮށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ކާމިޔާބީއަށް އެދި އުންމީދާއެކު މާތް ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުން ގިނަ ކުރުމަށާއި، ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއަކާއި ފާގަތި މުސްތަޤްބަލަކަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 267 ސެންޓަރެއްގައި 8000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވަމުންދާއިރު، މި އިމްތިޙާނު ނޮވެންބަރު މަހުގެ 12ގެ ނިޔަލަށް ކުރިއަށްދާނެއެވެ.


