މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓްރެއިނިންގްއެއް ރާއްޖޭގައި ފަށައިފި
21 ސެޕްޓެމްބަރު 2026 - 08:09

މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ އާއި ޗައިނާގެ ހައިނާން ޔުނިވަސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް ރާއްޖޭގައި ފަށައިފި އެވެ.
މި ޓްރެއިނިންގ ކުރިޔަށް ދާނީ 21 ސެޕްޓެމްބަރުން 22 ސެޕްޓެމްބަރު ގެ ނިޔަލަށްށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޓްރެއިނިންގ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އަހުމަދު ޝިޔާމު އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ކޮންގް ޝިންހުއާ ބައިވެވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ޓްރެއިނިންގް ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަޞީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ޙިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށާއި، ހަލާކުވަމުންދާ މުރަކަ އަދި ފަރުތައް އިޔާދަ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޓްރެއިނިންގް ގައި މި މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، މިފްކޯ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމަންޓް އެންޑް އެނާރޖީ، އެންވައިރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓްރނޭޝަނަލް ހައި ސްކޫލް ހިމެނޭހެން 51 ފަރާތަކުން ބައިވެރިވެއެވެ.
މީގެއިތުރުން، ހައިނާން ޔުނިވަސިޓީ ބޭފުޅުން މިނިސްޓްރީގެ މެރިކަލްޗަރގެ ދިރާސާ ކުރާ ރަށްކަމަށްވާ ކ. މަނިޔަންފުއްޓަށް ޒިޔާރަށްކުރުމަށްވެސް ހަމަޖެހިފައި ވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ދަތުރުގެ މަޤްސަދަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވައިލައިފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕެރޭޓިވް ޕާރޓްނަރޝިޕްގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ކަމާގުޅޭ އިދާރާތަކަށް މުހިންމު ފަންނީ ތަމްރީނު ދީ ހުނަރުވެރިކަން އިތުރުކުރުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.


