logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޫއޭއީގެ ނައިބު ރައީސްގެ ކޮއްކޯފުޅު ޝެއިޚް އަޙްމަދު ބިން ރާޝިދު އަވަހާރަވެއްޖެ

އައިޝަތު އިނާޝާ
21 ސެޕްޓެމްބަރު 2026 - 11:50
ޔޫއޭއީގެ ނައިބު ރައީސްގެ ކޮއްކޯފުޅު ޝެއިޚް އަޙްމަދު ބިން ރާޝިދު އަވަހާރަވެއްޖެ

ދުބާއީގެ ވެރިޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ހަގު ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 76 އަހަރުގައި އެމަނިކުފާނު އަވަހާރަވީ 21 ސެޕްޓެމްބަރ 2026 ވީ ހޯމަ ދުވަހުއެވެ. ޝެއިޚް އަޙްމަދު އަވަހާރަވުމާ ގުޅިގެން ދުބާއީގެ ޝާހީ ކޯޓުން ވަނީ ހޯމަ ދުވަހުން ފެށިގެން ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަހުގެ މުއްދަތެއް އިއުލާނުކޮށް، އެ މުއްދަތުގައި ދުބާއީގެ ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

1950 ވަނަ އަހަރުގެ ޖުލައި މަހު އުފަންވެވަޑައިގަތް ޝެއިޚް އަޙްމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ އަދި ޒަމާނީ ދުބާއީގެ ބާނީ، މަރްޙޫމް ޝެއިޚް ރާޝިދު ބިން ސައީދު އަލް މަޚްތޫމްގެ އެންމެ ހަގު ދަރިކަލުންނެވެ. އެމަނިކުފާނު މިލިޓަރީ ތަޢުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ މަޝްހޫރު ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހަރސްޓް އިންނެވެ.

އިނގިރޭސިވިލާތުން ތަޢުލީމު ނިންމެވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެން، ދުބާއީގެ ސެންޓްރަލް މިލިޓަރީ ކޮމާންޑަރުކަން ކުރެއްވިއެވެ. އަދި އަވަހާރަވުމާ ހަމައަށް ހުންނެވީ ދުބާއީ ފުލުހުންނާއި އާންމު ރައްކާތެރިކަމާ ބެހޭ ކޮމިޝަނުގެ ނައިބު ރައީސް ގެ މަގާމުގައެވެ. ޔޫއޭއީ އުފެދިގެން އައި ދުވަސްވަރުން ފެށިގެން ޤައުމުގެ ސަލާމަތީ އަދި އިޖުތިމާއީ ދާއިރާއަށް އެމަނިކުފާނު ވަނީ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ޝެއިޚް އަޙްމަދަކީ ބައިނަލްއަޤްވާމީ އަސްރޭހުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ރޭސްއަސްތައް ކަމަށްވާ "އެމްޓީއޯޓީއޯ" އާއި "އެޑޭބް" ގެ އިތުރުން ދުބާއީގެ ޖެބެލް އަލީ ރޭސްކޯސްގެ ވެރިޔާއެވެ.

އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، ދުބާއީ ރޭސިންގ ކްލަބުން ވަނީ ޔޫއޭއީގެ ކުޅިވަރާއި އަސްރޭހުގެ ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ތައުޒިޔާ ފޮނުވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫއޭއީގެ ނައިބު ރައީސްގެ ކޮއްކޯފުޅު ޝެއިޚް އަޙްމަދު ބިން ރާޝިދު އަވަހާރަވެއްޖެޚަބަރު | ގަޑިއިރެއް ކުރިން