ވޭވަށުގެ ތިމާވެށީގެ މައްސަލަތަކާ ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި މަޝްވަރާކޮށްފި
25 ސެޕްޓެމްބަރު 2026 - 14:11

މ. ވޭވަށަށް ދިމާވެފައިވާ ތިމާވެށީގެ މައިގަނޑު މައްސަލަތަކާއި، ޚާއްސަކޮށް ރަށްގިރުމުގެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މ. ވޭވަށު ކައުންސިލާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވޭވަށުގެ ގިރާ ސަރަޙައްދުތަކުގެ ހާލަތާއި، އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށުގެ ބިމަށް ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މި މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.
.png&w=750&q=75)
Ad by Hajj Corporation
ރަށްގިރުމުގެ މައްސަލައިގެ އިތުރުން، މި ބައްދަލުވުމުގައި ވޭވަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމާ ގުޅޭގޮތުން ވެސް ވަނީ މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން، އެ ރަށުގައި މިހާރު ރޭވިފައިވާ އަދި އަމަލީ ގޮތުން ހިންގަމުންދާ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތަކާއި ހަރަކާތްތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތުތަކާއި ތަފްޞީލުތައް ކައުންސިލްގެ ފަރާތުން މިނިސްޓްރީއާ ވަނީ ހިއްސާކޮށްފައެވެ.
މި ސަރުކާރުން ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްގިރުމުގެ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދައިދިނުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނައިރު، މި ބައްދަލުވުމަކީ ވޭވަށުގެ ތިމާވެށީގެ ހާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.


