logo
MPL

MPL

ރިޕޯޓް

ފައިސަލަށް ބޮޑެތި ތުހުމަތުތަކެއް، ޖަވާބުދާރީވާންޖެހޭ!

އަޙުމަދު ރަމީޒު
8 އޮކްޓޯބަރު 2026 - 06:02
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމަށް އެކި ދުވަސްވަރު ކުރެވޭ ސީރިއަސް ތުހުމަތުތަކުގެ ތެރެއިން މައިގަނޑު ހުރިހާ ތުހުމަތެއް ގުޅިފައިވަނީ ކޮންމެވެސް އަންހެނަކާ ނުވަތަ އަންހެނުންތަކަކާ އެވެ. ނަމަވެސް މިފަދަ އެއްވެސް ތުހުމަތަކަށް ފައިސަލް މިހާތަނަށް ޖަވާބުދާރީވެފައެއް ނުވެ އެވެ. އެފަދަ އެއްވެސް ތުހުމަތެއް ސީދާ ފައިސަލް ދޮގުކުރައްވާފައެއްވެސް ނުވެ އެވެ.

ފައިސަލަށް އެންމެ ފަހުން އަމާޒުވި ތުހުމަތަކީ އޭނާގެ އެއްބަނޑު އެއްބަފަ އަންހެން ބޭފުޅުންތަކަކާ ގުޅުވައި ދެކެވުނު ހުތުރު ވާހަކަތަކެއްގެ ތުހުމަތެވެ. ނަމަވެސް ސީދާ ފައިސަލް އެ މައްސަލައިގައިވެސް ޖަވާބުދާރީ ނުވެ އިސްކުރީ ހަނުހުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނައިބް ރައީސް ކަމުގައި ހުންނަވައި، ކެބިނެޓްގައި އޭރު ހުންނެވި އަންހެން ބޭފުޅަކާއި ފައިސަލްއާ ދެމެދު އޮތް ގުޅުމަކީ އެތައް ބަޔަކު ތުހުމަތުގެ އިގިލި ދިއްކުރި ގުޅުމެކެވެ. ބައެއް ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި އެއީ ލޯބީގެ ފުން ގުޅުމެކެވެ. އެ ވަޒީރުގެ މިނިސްޓްރީން އިންތިޒާމު ކުރާ ގިނަ ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި އެ ދުވަސްވަރު ފައިސަލް ބައިވެރިވެފައިވެ އެވެ. އެ ވަޒީރާ އެކުގައި ބައެއް ރަށްތަކަށް ފައިސަލް ދަތުރުވެސް ކޮށްފައިވެ އެވެ. އެ ވަޒީރުގެ މިނިސްޓްރީން އިންތިޒާމު ކުރާ ކަންކަމަށް ފައިސަލް ވަގުތު ހުސްކުރުމުގައި ހާއްސަ އިސްކަމެއް ދީފައިވާ ކަމަށްވެސް އޭރުގެ މަންޒަރުތަކުން އެނގިގެންދެ އެވެ.

ފައިސަލްގެ ޒާތީ ދިރިއުޅުމުގެ އިތުރު ކަމަކަށް ބަލާއިރު އަނބިކަނބަލުންނަށް ސިއްރިޔާތުގައި ލޯބީގެ އިތުރު ގުޅުމެއް ފައްކާކޮށް ދެވަނަ ކައިވެންޏެއްވެސް ކުރައްވާފައިވެ އެވެ. އިސްލާމްދީނުގައި އަނބިންނަށް ހެޔޮކޮށް ހިތުމާއި، ދެ އަންބަށް ކައިވެނިކުރާ ހާލަތުގައި އަދުލުވެރިވުމަށް ބާރުއަޅުއްވާފައިވެ އެވެ. ނަމަވެސް ފައިސަލްގެ ދިރިއުޅުމުން އެ މަންޒަރު ފެނުނުތޯ ސުވާލު އުފެދެ އެވެ. ދެ އަންބަށް ކުރި ކައިވެނީގައި އަދުލުވެރި ނުވެވި ފަހުން މައްސަލަތަކެއް ޖެހި، ފަހުގެ ކައިވެނި ރޫޅާލަން ޖެހިފައިވެ އެވެ.

ފައިސަލްއަކީ މަސާޖުޕާލާ ހިންގުމުގެ ވިޔަފާރީގައި ހިނގާ ނަމަކަށްވާއިރު އޭނާއަށް ލިބިފައިވާ ތަނަވަސްކަމުގެ ބޮޑު ހިއްސާއެއް އެ ވިޔަފާރިން އަދާކުރެ އެވެ. އިސްލާމް ދީނުގައި ހިލޭ އަންހެނުން ހިލޭ ފިރިހެނުންގެ ގައިމޮޑެ އެއިން އާމްދަނީ ހޯދުމަކީ ހަރާމުކުރައްވާފައިވާ ނުބައި ފާފައެކެވެ. މީގެއިތުރުން ފައިސަލްގެ މަސާޖުޕާލާ ވިޔަފާރީގެ ތެރެއިން ބިދޭސީ އަންހެނަކު ވަނީ ފައިސަލްގެ ފަރާތުން ގޯނާތަކެއް ކުރިމަތިވި ކަމަށް ބުނެ ސޯޝަލްމީޑިއާގައި އެ މައްސަލަ ފެންމަތިކޮށްފަ އެވެ. އެ އަންހެން މީހާގެ އެ ތުހުމަތުތަކުގެ ހަގީގަތް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އޭރު އެތައް ބަޔަކުވެސް ގޮވާލި އެވެ. ނަމަވެސް ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެ މައްސަލައިގެ ތަހުގީގު އޭރު ކުރިއަށް ގޮސްފައެއް ނުވެ އެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފައިސަލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒްރާ ނަސީމު ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާފަ އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓާ ވާދަކޮށް ނަޒްރާ ދެވަނައަށް ދިޔައީ އެންމެ 48 ވޯޓުގެ ތަފާތުންނެވެ. ނަޒުރާ ވަރަށް ބުރަކޮށް މަސައްކަތް ކުރި އެ އިންތިހާބުގައި އޭނާ ބަލިވީ ސީދާ ފައިސަލް އަޑިން ކުޅެ، ނަޒްރާއާ ދެކޮޅަށް މަސައްކަތް ކުރުމުން ކަމަށް ފައިސަލްގެ ޅިޔަޅު އަދި ނަޒްރާގެ ފިރިމީހާ އަހްމަދު މަހްލޫފް ވިދާޅުވެފައިވެ އެވެ. ޖަޕާންގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މަހްލޫފް، އޭރު ވިދާޅުވި ގޮތުގައި ފައިސަލް ވަނީ އޭނާގެ އާއިލާގެ ބައެއް ބޭފުޅުންނާއި އެ ދާއިރާގެ ބައެއް މީހުންނަށް ގުޅައި ނަޒްރާއަށް ވޯޓު ނުދިނުމަށް އެދިފަ އެވެ. ފުވައްމުލަކުގެ ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ ރައްޔިތުންނަށް ސީދާ ފައިސަލް ގުޅައި ނަޒްރާއަށް ވޯޓު ނުދިމުމަށް އާދޭސް ކުރި ކަމަށް އެމްޑީޕީގެ ފުވައްމުލަކު ގޮފިން އެ ދުވަސްވަރު ނެރުނު ބަޔާނެއްގައިވެސް ބުނެފައިވެ އެވެ.

ނައިބް ރައީސް ކަމުގައި ފައިސަލް ހުންނެވި ދުވަސްވަރު  ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނަވައި ނަޒްރާ ވަނީ އޭނާގެ ބޭބެގެ ހައިސިއްޔަތާއި ޝަހްސިއްޔަތު މަތިކޮށް، ކުރިމަތިވި ތުހުމަތުތައް ދިފާއުކޮށް، ބޭބެއަށްޓަކައި ބޮޑެތި ޤުރުބާނީތަކެއްވެފަ އެވެ. ނަމަވެސް ނަޒްރާ އެންމެ ބޭނުންވި ވަގުތު، އޭނާއާ ދެކޮޅަށް ފައިސަލް ނިކުތުމަކީ ލޭގެ ގުޅުމަށް އިހްތިރާމު ނުކުރިކަން އަންގައިދޭ ހެއްކެކެވެ.

ފައިސަލް މިހާރު މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލުމަށް ކަމަށްވާއިރު، ސިޔާސީ ހަޔާތުގެ ބޮޑު ބައި އޭނާ ހޭދަކުރީ ޖުމްހޫރީ ޕާޓީގަ އެވެ. އަދި ހަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރީ ވަކި ވިޔަފާރި ކުންފުންޏެއްގެ މަސްލަހަތު ހިމާޔަތްކުރުމުގައެވެ. އެހެންވެ އެމްޑީޕީގައި މާވަރުގަދަ މީހަކަށް ވުމުގެ ހުވަފެން ފައިސަލް ދެކެމުން ދިޔަ ނަމަވެސް އެ ޕާޓީގެ އާންމު މެންބަރުން ތިބީ އެ ފުރުސަތު ފައިސަލް ދޭގޮތަށް ނޫންކަން އެމްޑީޕިގެ އިސް ބޭފުޅުންގެ ވާހަކަތަކުން ހާމަވެ އެވެ. ކުރީގެ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވިއިރު ފައިސަލަށް ރަނިންމޭޓްކަންވެސް ދީފައެއް ނުވެ އެވެ. އެ މައްސަލައިގައި ރުޅިގަނޑު ފަޅައިގެން ގޮސް، ކެމްޕޭންގައި ބައިވެރިވުމަށް ދެކޮޅު ހަދައި، އެމްޑީޕީއާ ދެކޮޅަށް ފައިސަލް މަސައްކަތްކޮށްފައި ކަމަށް ބައެއް މީހުން ބުނެ އެވެ.

ސޯލިހްގެ ވެރިކަމުގައި ފެންމަތިވި އެންމެ ބޮޑު ހިޔާނާތަކީ ކޮވިޑް 19ގެ ދުވަސްވަރު ހޮސްޕިޓަލްތަކަށް ބޭނުންވި ވެންޓިލޭޓަރުތަކުން ވައްކަން ކުރުމުގެ މައްސަލަ އެވެ. ސޯލިހްގެ ސަރުކާރުގައި އިކޮނޮމިކް ކައުންސިލަކާއި ސޯޝަލް ކައުންސިލެއް ހަދައި، އެ ދެ ކައުންސިލަށް ވުޒާރާތައް ބަހާލިއިރު ހެލްތު މިނިސްޓްރީ ގެންދިޔައީ ސޯޝަލް ކައުންސިލްގެ ދަށަށެވެ. ސޯޝަލް ކައުންސިލް ހިންގަމުން ދިޔައީ ސީދަ ފައިސަލްގެ ބެލުމުގެ ދަށުންނެވެ. ސޯޝަލް ކައުންސިލްގެ ލަފައާއި ހެލްތު މިނިސްޓްރީގެ އެންގުމާ އެއްގޮތަށް 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏަކަށް 31 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދޫކުރިއިރު ރާއްޖެއަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ހިޔާނާތުގައި އެންމެ އިސްކޮށް ތިބި މީހުންގެ ގޮތުގައި ތަހުގީގީ އިދާރާތަކުން އޭރު ހާމަކުރި ނަންތަކުގެ ތެރޭގައި ހިމެނޭ ބޭފުޅުން ނިސްބަތްވަނީވެސް ފައިސަލް އޭރު މަސައްކަތް ކުރި ޖުމްހޫރީ ޕާޓީއަށެވެ. މި ހަގީގަތްތައް މިގޮތަށް ފެންނަން ހުރިއިރު ވެންޓިލޭޓަރުތަކުގެ ބޮޑު ވައްކަމުގައި ފައިސަލް ޖަވާބުދާރީކުރެވެންޖެހޭނެ ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ.

ފައިސަލް ނަސީމަކީ އެއްވެސް ދިމާލެއްގައި އެއްވެސް ކަމެއް ހިނގާތޯ ފާރަވެރިވާ މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. އެފަދަ ކަންކަން ހޯދައި ބަލައި ވީޑިއޯ ކޮށްލާނެ ކުއްޖެއް ގޮވައިގެން ފިލްމު ކުޅުމުގައި ފައިސަލް، އޭނާގެ ހުނަރުވެރިކަން އާދަޔާ ހިލާފަށް ދައްކައިދެމުންދެ އެވެ. ސޯލިހް ވެރިކަމުގައި އައިޖީއެމްއެޗްގެ މައިގޭޓް ހިޔާކޮށްލަން ދެގަނޑު ޓިނު ބާއްވާލުމުން، ކެމަރާމަނުންނާއެކު ފައިސަލް އެތަނަށް ގޮސް ގައުމީ ބޮޑު މަޝްރޫއެއް ގޮތަށް އެތައް ހުޅުވައިދިނުމަކީ އެ ދުވަސްވަރު އާންމުން ޖޯކު ޖެހި ކަމެކެވެ. އިސްލާމް ދީނުގައި މީހުންނަށް އެހީވުމަށް ބާރުއަޅަނީ ސިއްރިޔާތުގައި ކަމަށްވީ ނަމަވެސް، މީހުންނަށް އެހީވުމަށްފަހު އެ މަންޒަރުތައް ވީޑިއޯކޮށް ނޫސްތަކުގައި އެ ހަބަރު ޖެހުމަކީ ފައިސަލަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަން ނޫސްތަކުގެ ސުރުހީތަކުން އެނގިގެންދެ އެވެ.

ފައިސަލް ނަސީމަށް ކުރެވޭ ތުހުމަތަކީ އިންސާފުވެރިކަމާއެކު ބަލައި، އެކަމުގެ ހަގީގަތްތައް ހާމަކުރެވެންޖެހޭ ތުހުމަތުތަކެކެވެ. ގައުމުގެ ވަލިއްޔުލްއަމުރުގެ މަގާމަށް ކުރިމަތިލުމަށް ފައިސަލް މަސައްކަތް ކުރަމުންދާތީ އޭނާއަކީ އަބުރުވެރި، ސާފު މީހެއްކަން ކަށަވަރުވެސްކޮށްދޭންޖެހެ އެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފައިސަލަށް ބޮޑެތި ތުހުމަތުތަކެއް، ޖަވާބުދާރީވާންޖެހޭ!ރިޕޯޓް | ގަޑިއިރެއް ކުރިން