އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން ގޮވާލުން ރާއްޖެއިން ކުށްވެރި ކޮށްފި
28 އޯގަސްޓު 2024 - 06:02
އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން އިސްރާއީލުިގެ ވަޒީރަކު ގޮވާލުން ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ރާއްޖެެއިން ނެރުނު ބަޔާނެއްގައި ބުނީ އަލްއަގްސާ މިސްކިތަކީ ދުނިޔޭގެ 1.8 ބިލިއަނަށްވުރެ ގިނަ މުސްލިމުންނަށް ތާރީހީ ގޮތުން ވަރަށް މުހިންމު މިސްކިތެއް ކަމަށާއި އެ މިސްކިތަކީ އިސްލާމީ ހަޟާރާތުގައި މުހިންމު ބިނާއެއް ކަމަށެވެ.
އަދި އިސްރާއީލު ސަރުކާރުގެ އިސް ވެރިން ދައްކާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ބުރޫ އަރާކަންވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިފަދަ ވާހަކަތަކުގެ ސަބަބުން ދީނީ ހަމަނުޖެހުންތަކަކާއި ކުރިމަތިވެ، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެފަދަ މާތް ތަންތަނުގެ ގާނޫނީ ހައިސިއްޔަތު ބަދަލުވެދާނެ ފަދަ އެއްވެސް ފިޔަވަޅެއް އެޅުން ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
"ގުދުސް އަދި އެ ރަށުގައިވާ ހުރުމަތްތެރި ތަންތަނުގެ ގާނޫނީ ހައިސިއްޔަތު ހިމާޔަތްކޮށް ފަލަަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމައުއަށް ދިވެހި ސަރުކާރުން ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިސްރާއީލު ސަރުކާރުގެ އިސް ވެރިން ދައްކަވާ މިފަދަ ހަރުކަށި ވާހަކަތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރައި، ދީނީ ހަމަނުޖެހުންތަކަށް މަގުފަހިވެ، މެދުއިރުމަތީގެ މަސްރަހު އިތުރަށް ހަލަބޮލިވުމުގެ ފުރުޞަތު ބޮޑެވެ.
ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންގެންދާ މިންނެތް މަސައްކަތުގައި އެއްބާރުލުންދިނުންމަތީ ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ.
އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި އިރުމަތީ ޤުދުސްއަކީ އެ ޤައުމުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ސިޔާދަތީ އަދި މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.