އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކޮށް، އެކްޓިންގ އެމްޑީއަކަށް އަޙުމަދު ސަޢުދީ އައްޔަނުކުރައްވައިފި
15 އޮކްޓޯބަރު 2026 - 06:29

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި ބޯޑުން އިބްރާހީމް ނަޒީމް ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި ބޯޑުން އިބްރާހީމް ނަޒީމް ވަކިކޮށް ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސައުދީ ވަނީ 14 އޮކްޓޯބަރު 2026 އިން ފެށިގެން އައްޔަނުކުރައްވައިފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އަހުމަދު ސައުދީއަކީ މީގެ ކުރިން ދައުލަތުގެ ތަފާތު އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި 1992 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދިވެހި ފުލުހުންގެ ހިދުމަތުގައި އިހުލާސްތެރިކަމާއެކު ހިދުމަތްކުރެއްވިއެވެ. މީގެ އިތުރުން އޭނާ މިހާރު ގެންދަވަނީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވަމުންނެވެ.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން ނަޒީމް ވަކިކުރައްވާފައިވާއިރު، އެ ކުންފުނި އުވާލައި، އާރްޑީސީން ކުރަމުންދިޔަ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން، އެކި އިދާރާތަކުން އާރްޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތައް އެމްޓީސީސީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އާރްޑީސީގެ އެމްޑީގެ މަގާމަށް ނަޒީމް އައްޔަނުކުރައްވާފައިވަނީ މީގެ ކުރިން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

-01.jpg&w=3840&q=75)
