ޕެންޝަން ފަންޑަށް ނުދައްކާ ހުރި 100 މިލިއަން ރުފިޔާ ކުރިއަށް އޮތް އަހަރު ތެރޭގައި ހޯދާނެ: ސީއީއޯ
18 އޮކްޓޯބަރު 2026 - 04:43

ޕެންޝަން ފަންޑަށް ގަވާއިދުން ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ނުދައްކާ ހުރި ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދައި ރިކަވާ ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ޔަޒްމީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހދ. ހަނިމާދޫގައި ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި "ތްރީ ޖެނެރޭޝަން ވޯކް" (3ޖެން ވޯކް) ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
ސީއީއޯ ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ކޮންމެހެން ބައިވެރިވާންޖެހޭ ބައެއް ފަރާތްތަކުން އަދިވެސް އެ ސްކީމުގައި ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، އެ ފަރާތްތައް ޕެންޝަން ސިސްޓަމްގެ ތެރެއަށް ވެއްދުމާ ގުޅޭ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި ޕެންޝަން ފަންޑަށް ޖަމާވެފައިވަނީ 30 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވަމުން ސީއީއޯ ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ އަދަދު ދެގުނަކޮށް، 60 ބިލިއަން ރުފިޔާއަށް އިތުރު ކުރުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އެގޮތުން އިންވެސްޓް ކުރެވޭނެ އިތުރު ފުރުސަތުތައް ހޯދައިގެން ފަންޑު މިހާރަށް ވުރެ ފުޅާކުރުމަށް ވަނީ ރާވާފަ އެވެ.
މި ހަރަކާތާ ގުޅޭގޮތުން ޕެންޝަން އޮފީހުން ބުނީ، ހަނިމާދޫ ކައުންސިލާ ގުޅިގެން ބޭއްވި މި ހަރަކާތުގެ ބޭނުމަކީ މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ އިތުރުން ރިޓަޔާމަންޓަށް ތައްޔާރުވުމާ ގުޅޭގޮތުން އާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މާހައުލެއް ގާއިމުކުރުން ކަމަށެވެ. އަދި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެ ރަށު ކައުންސިލާއި، މުއައްސަސާތަކާއި އަދި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

-01.jpg&w=3840&q=75)
