ހަތަރު މެޖިސްޓްރޭޓް ކޯޓަކަށް އާ ފަނޑިޔާރުން އައްޔަންކޮށް ހުވައިކުރުވައިފި
އައިޝަތު އިނާޝާ
22 އޮކްޓޯބަރު 2026 - 06:29

އަތޮޅުތެރޭގެ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުން ހޯދުމަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކޮށް، މަގާމުގެ ހުވައި ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ ސިވިލް ކޯޓުގެ އިސް ގާޟީ އަލްއުސްތާޛާ މަރްޔަމް ވަހީދެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މަހުގެ 3 ވަނަ ދުވަހު އިޢުލާންކުރި މި މަގާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާދެއްވި ހަތަރު ބޭފުޅުންނަށް ވަނީ ބުދަ ދުވަހު ސިޓީ ހަވާލުކުރައްވާފައެވެ.
މަގާމުގެ ހުވައިކުރެއްވި ފަނޑިޔާރުންނަކީ:
- ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު: އަލްއުސްތާޛު ފަތުޙުﷲ ޢަލީ (ހއ. ހޯރަފުށީ، ވާރޭވިލާ). އިސްލާމިކް ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯ އިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ފަތުޙުﷲ ވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައި 7 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. ފަނޑިޔާރުކަމަށް އައްޔަންކުރެއްވިއިރު އެމަނިކުފާނު ހުންނެވީ އާރުޑީސީގެ މެނޭޖަރ ލީގަލްގެ މަގާމުގައެވެ.
- ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓު (އިސް މެޖިސްޓްރޭޓް): އަލްއުސްތާޛާ ދިޔާނާ މަޖީދު (ބ. ގޮއިދޫ، ލިލީވިލާ). ޝަރުއީ ދާއިރާގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ދިޔާނާއަކީ އިސްލާމިކް ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ އޮއިލްބިޒްގެ ލީގަލް ކައުންސިލްކަމާއި ފިއުލް އެކްސްޕްރެސްގެ ހެޑް އޮފް އެޗްއާރު އެންޑް ލީގަލް އެފެއާޒްގެ މަގާމު ފުރުއްވާފައެވެ.
- ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓު: އަލްއުސްތާޛު ޙުސައިން ރަމީޒް (ބ. އޭދަފުށީ، ހުސްނުހީނާގެ). ގައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ އަދި ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ރަމީޒް ވަނީ ޝަރުއީ ދާއިރާގައި 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ. މީގެ ކުރިން އޭނާ ވަނީ ޓޫރިޒަމް މިނިސްޓްރީގެ ލީގަލް އެސިސްޓެންޓްކަމާއި ހެލްތު މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމު ފުރުއްވާފައެވެ.
- ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު: އަލްއުސްތާޛާ މަރްޔަމް ޢާޞިރާ (ޏ. ފުވައްމުލަކު، މާދަޑު. ހުމަށި). ޝަރުއީ ދާއިރާގައި 13 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ޢާޞިރާއަކީ ވިއްލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ އަދި އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓްކަމަށް އައްޔަންކުރެއްވިއިރު އެ ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ޢާޞިރާ ވަނީ މީގެ ކުރިން ޑްރަގް ކޯޓާއި، އޭސީސީ އަދި ޖޭއެސްސީގައިވެސް މަސައްކަތް ކުރައްވާފައެވެ.

-01.jpg&w=3840&q=75)
