"ޝިރަކް އޭވިއާ" އިން ރާއްޖެއަށް ސީދާ ދަތުރުތަކެއް ފެށުމަށް ނިންމައިފި
23 އޮކްޓޯބަރު 2026 - 06:46

އަރުމީނިއާގެ އެއާލައިން"ޝިރަކް އޭވިއާ" އިން ރާއްޖެއަށް ސީދާ ދަތުރުތަކެއް ފެށުމަށް ނިންމައިފިއެވެ.
މިއީ އެ ގައުމާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތަކެއް ފަށާ ފުރަތަމަ ފަހަރެވެ.
.png&w=750&q=75)
Ad by Hajj Corporation
އޭވިއޭޓާސް މޯލްޑިވްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝިރަކް އޭވިއާގެ މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 14 ގައެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަރުމީނިއާގެ ވެރިރަށް ޔެރެވާންގެ ޒްވާޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ދެމެދުގައެވެ. ހަފުތާއަކު އެއް ދަތުރު ކުރުމަށް ރާވާފައިވާ މި ސާވިސްގައި ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކު ކަމަށާއި، މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 737-800 މަރުކާގެ ބޯޓެކެވެ.
ޝެޑިއުލްގައިވާ ގޮތުން، ޔެރެވާނުން ފުރާ ފްލައިޓް ފުރާނީ އެ ގައުމުގެ ގަޑިން ފަތިހު 03:05 ގައެވެ. އަދި އޮމާންގެ މަސްކަޓަށް ޖައްސައި، ތެޔޮ އެޅުމަށްފަހު ރާއްޖެއަށް އާދެވޭނީ ރާއްޖެ ގަޑިން މެންދުރު 12:10 ގައެވެ. ރާއްޖެއިން އެނބުރި ފުރާ ފްލައިޓް ފުރާނީ މެންދުރުފަހު 13:10 ގައި ކަމަށްވާއިރު، ޔެރެވާނަށް އަލުން ދެވޭނީ އެ ރޭ 20:15ގައެވެ. މި ދަތުރުގެ މުޅި ޖުމްލަ ވަގުތަކީ ގާތްގަނޑަކަށް އަށް ގަޑިއިރެވެ.
މި ދަތުރުތަކުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. އަދި މި ދަތުރުތައް މާޗު 2027 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
ރާއްޖެއަށް ފަށާ މި ދަތުރުތަކަކީ ފިނި މޫސުމާ ދިމާކޮށް ޝިރަކް އޭވިއާއިން އެ އެއާލައިނުގެ ދަތުރުތައް ފުޅާކުރުމަށް ނިންމާފައިވާ ޕްލޭނުގެ ބައެކެވެ. މީގެ އިތުރުން، އެ އެއާލައިނުން އަންނަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ޕުކެޓަށް ވެސް ހަފުތާއަކު އެއް ދަތުރު ފެށުމަށް ވަނީ ނިންމާފައެވެ.

-01.jpg&w=3840&q=75)
