މިނިސްޓަރު ޝަހީމް ޒެންޒިބާރުގެ ވަފުދަކާ ބައްދަލުކުރައްވައިފި
27 އޮކްޓޯބަރު 2026 - 07:37

އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޒެންޒިބާރުގެ ވަފުދަކާ އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބައްދަލުކުރައްވައި، އިސްލާމީ މުހިންމު ދާއިރާތަކުން، ޚާއްޞަކޮށް އިސްލާމިކް ފައިނޭންސާއި، ޒަކާތާއި، ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރެއްވި މި ވަފުދުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޒެންޒިބާރު ޓްރެޜަރީ ސުކޫކް އެސްޕީވީ، އިޙްސާން ތަކާފުލް އެންޑް ފައިނޭންޝަލް ސަރވިސަސް އަދި ޒެންޒިބާރު އިކޮނޮމިކް އެމްޕަވަރމަންޓް އޭޖެންސީގެ ޗެއަރމަން ސީޕީއޭ ޖުމާ ޢާމިރު މުޙައްމަދާއި، ޒެޑްއައިސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަން އަދި ވަޤުފް އެންޑް ޓްރަސްޓް ކޮމިޝަންގެ ބޯޑު މެންބަރު ޑޮކްޓަރ ޢަބްދުﷲ ޢުއްސީ ޙަމަދުގެ އިތުރުން ޒެޑް.އައި.ސީ ތަކާފުލް ޝަރީޢާ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޑޮކްޓަރ ރަޖަބް ޢުމަރު ރަޖަބެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑޮކްޓަރ މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް، މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ، އަލްފާޟިލް ޔާމީން އިދުރީސް އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް އިމްތިތާޢު ޢައްބާސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ އެ ވަފުދުގެ ބޭފުޅުންނަށް ދިވެހިރާއްޖެއަށާއި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއަށް ހޫނު މަރުޙަބާއެއް ދަންނަވައި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެބޭފުޅުން ކުރެއްވި ޒިޔާރަތާއި ދެއްވި ޝައުޤުވެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ޒެންޒިބާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ފާހަގަކުރުމުގެ މައްޗަށެވެ. ޚާއްޞަކޮށް، އިސްލާމިކް ފައިނޭންސް ޚިދުމަތްތައް ކުރިއެރުވުމާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމާއި، ދެމެހެއްޓެނިވި ވަޤުފް އިންވެސްޓްމަންޓް އުޞޫލުތައް ތަރައްޤީކުރުމާއި، އިސްލާމީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން އަލިއަޅުވާލެވުނެވެ.

-01.jpg&w=3840&q=75)
