އަމާޒަކީ ރާއްޖޭގައި އުފައްދާ ހަކަތައިގެ 33އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން:ޒަރީރް
29 އޮކްޓޯބަރު 2026 - 09:30

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރް ވިދާޅުވެއްޖެ އެވެ.
ދެހާސް އަށާވީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ ހަކަތައިގެ ދާއިރާއަށް މި ބަދަލު ގެނައުމަށްޓަކައި އަންނަ އަހަރު "މޯލްޑިވްސް ސޯލާ ޑިވެލޮޕްމަންޓް އެންޑް އެނާޖީ ސްޓޯރޭޖް ސޮލިއުޝަންސް ޕްރޮޖެކްޓް" ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
ޕީޕީއޭ އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސޯލާ ހަކަތައިގެ މަޝްރޫއުގައި ޖުމުލަ 250 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ އިތުރުން ހަކަތަ ރައްކާކުރުމުގެ ޒަމާނީ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް ތެޔޮ ގަންނަ މިންވަރުން، 100 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ކުރިއަށް އޮތް އަހަރުތަކުގައި މަދު ކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ދަށްކޮށް ތެޔޮ ގަތުމަށް ކުރާ ޚަރަދާއި ސަރުކާރުން ތެލުގެ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރެވޭނެ ކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެއިތުރުން އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމުގެ އެއް އަމާޒަކީ، ދުނިޔޭގެ އިގުތިސާދަށް އަންނަ ޝޮކްތަކާއި، ތިމާވެށްޓަށް ކުރިމަތިވާ ނުރައްކާތަކުން، ގައުމުގެ އިގުތިސާދީ ދުވެއްޔަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންވެރިވުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތަށް މިވަގުތު އޮތް އެންމެ ބޮޑު އިމްތިހާނަކީ ތެލުގެ އަގު ބޮޑުވާތީ ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން އުފުލިގެން ދިއުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާއެކު، ކަރަންޓު އުފެއްދުމާއި، މުދާ އުފުލުމާއި، ޢާންމު ދިރިއުޅުމުގެ އެންމެހައި ޚަރަދުތަކަށް މިކަމުގެ އަސަރު ކުރޭ. މިގޮތުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ތެލާއި ކަރަންޓުގެ އަގު އުފުލުމުން، އެތައް ޤައުމެއްގައި 24 ގަޑިއިރު ކަރަންޓު ފޯރުކޮށްނުދެވި، ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވަމުންދޭ،" ޒަރީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ދިވެހި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއެރުމެއް ނެތި، ވިޔަފާރި ހަރަކާތްތައް ކުރިއަށް މިދަނީ ސަރުކާރުން ތެލުގެ އަގުތައް އުފުލުމުގެ އަސަރު ކުޑަކޮށްދީފައިވާތީ ކަމަށެވެ. ރައްޔިތުންނަށް ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެމުންދާ ފިއުލް ސަބްސިޑީގެ ޚަރަދު ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މި އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފިއުލް ސަބްސިޑީގެ ގޮތުގައި މި އަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެހެންނަމަވެސް މާލީ އިދާރާތަކުގެ ތެލުގެ ފޯކާސްޓްތަކަށް ބަލާއިރު، އަންނަ އަހަރު ތެލުގެ އަގު ދަށްވާނެ ކަމަށް އެ އިދާރާތަކުން އަންދާޒާކުރެ އެވެ. އެހެންކަމުން، އަންނަ އަހަރު ދައުލަތުން ފިއުލް ސަބްސިޑީއަށްކުރާ ޚަރަދު 3.2 ބިލިއަނަށް ދަށްވާނެ ކަމަށް މިހާރު ބެލެވެ އެވެ.

-01.jpg&w=3840&q=75)
