ކޮމަންވެލްތުގެ ކުރިއެރުން ވަޒަންކުރެވެންޖެހޭނެ، އެއީ ހުރިހާ ޤައުމެއްގެ ޒިންމާއެއް: މިނިސްޓަރު އިރުތިޝާމް
2 ނޮވެމްބަރު 2026 - 06:06

ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ބިނާވާންޖެހޭނީ ސާފު ލަނޑުދަނޑިތަކެއްގެ މައްޗަށް ކަމަށާއި، ޙާޞިލުކުރެވޭ ކުރިއެރުންތައް ވަޒަންކުރެވޭނެ ނިޒާމެއް އޮންނަންޖެހޭނެ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އެންޓީގާ އެންޑް ބާބިއުޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި ކުރިއަށްދިޔަ "ކޮމަންވެލްތު މިނިސްޓަރސް މީޓިންގ އޮން ސްމޯލް ސްޓޭޓްސް" ގެ ކޯ-ޗެއަރކަން ކުރައްވައި ތަޤްރީރު ކުރައްވަމުން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، ކޮމަންވެލްތުގެ މަޤްޞަދުތައް ހާޞިލުކުރުމަކީ ހަމައެކަނި ވަކި އިދާރާއެއްގެ ނުވަތަ މަދު ޤައުމުތަކެއްގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، އެއީ ހުރިހާ މެންބަރު ޤައުމުތަކެއްގެވެސް ބައިވެރިވުމާއި ޒިންމާއެއް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
"ސްކޭލިންގ އަޕް ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޮރ ރެސީލިއަންޓް ސްމޯލް ސްޓޭޓްސް" މި ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރާއެކު އޮންނަ ގުޅުންތައް މިހާރަށްވުރެ ވަރުގަދަކުރަންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ އަސާސްތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުންތަކަށް އިސްކަންދޭނެކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ކުދި ޤައުމުތަކުގެ ތަމްޞީލުވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، 2028-2030 އަށް އ.ދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރުކަމަށާއި 2033-2034 އަށް ސަލާމަތީ މަޖިލީހުގެ ނަން-ޕާމަނަންޓް މެންބަރުކަމަށް ރާއްޖެއިން ކުރިމަތިލާފައިވާކަންވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
އެންޓީގާ އެންޑް ބާބިއުޑާގެ ފޮރިން މިނިސްޓަރު ޗެޓް ގްރީންއާއެކު މިނިސްޓަރު އިރުތިޝާމް ކޯ-ޗެއަރ ކުރެއްވި މި ބައްދަލުވުމަކީ، ކުރިއަށް އޮތް 28 ވަނަ ކޮމަންވެލްތު ހެޑްސް އޮފް ދަ ގަވަރމަންޓް މީޓިންގ (ޗޯގަމް) ގެ ކުރިން މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

-01.jpg&w=3840&q=75)
