logo
MPL

MPL

ޚަބަރު

ދައުލަތުގެ އާމްދަނީ 34.52 ބިލިއަނަށް، ޓީޖީއެސްޓީ 5% އިތުރުވެއްޖެ

އައިޝަތު އިނާޝާ
4 ނޮވެމްބަރު 2026 - 07:38
ދައުލަތުގެ އާމްދަނީ 34.52 ބިލިއަނަށް، ޓީޖީއެސްޓީ 5% އިތުރުވެއްޖެ

29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.79 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3 އިންސައްތައިގެ ކުރިއެރުމެއް ކަމަށް، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި ބަދަލެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.48 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ޓެކްސް އާމްދަނީ ވަނީ 9.1 އިންސައްތަ އިތުރުވެ 26.70 ބިލިއަން ރުފިޔާއަށް އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ ވަނީ 5.0 އިންސައްތަ އިތުރުވެފައެވެ. އެއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.88 ބިލިއަން ރުފިޔާއިން 9.32 ބިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދިއުމާއެކު، ފާއިތުވެދިޔަ ހަފުތާއަށް ބަލާއިރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީވެސް ޓީ.ޖީ.އެސް.ޓީއިންނެވެ.

އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް ވަނީ 23.7 އިންސައްތަ އިތުރުވެ 6.07 ބިލިއަން ރުފިޔާއަށް އަރާފައެވެ. އިމްޕޯޓް ޑިއުޓީ 12.3 އިންސައްތަ އިތުރުވެ 2.90 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 4.63 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2.3 އިންސައްތަ އިތުރުވެ 1.88 ބިލިއަން ރުފިޔާއަށް އަރާފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލުން ލިބޭ އާމްދަނީ 28.2 އިންސައްތަ އިތުރުވެ 2.27 ބިލިއަން ރުފިޔާއަށް އަރާފައިވަނީ ރިސޯޓްތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. ހިލޭ އެހީގެ ގޮތުގައި 0.53 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، ޖުމްލަ ޓެކްސް ނޫން އާމްދަނީ ވަނީ 8.8 އިންސައްތަ ދަށަށް ގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ އާމްދަނީ 34.52 ބިލިއަނަށް، ޓީޖީއެސްޓީ 5% އިތުރުވެއްޖެޚަބަރު | ގަޑިއިރެއް ކުރިން