ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަން ކުރަން 4 ބޭފުޅަކަށް ރުހުންދީފި
24 އޮކްޓޯބަރު 2024 - 09:15

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަން ކުރުމަށް 4 ބޭފުޅަކަށް ރުހުން ދީފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ 4 މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ މަޤާމުތަކަށް ޖުމްލަ 13 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ޢައްޔަން ކުރުމަށް ރުހުންދިން 4 ބޭފުޅުން:
އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު
އިބްރާޙިމް ޝަރީފް
ހަސަން ޒުހައިރު މުހައްމަދު
އަލްއުސްތާޛާ ޝިފްޒާ އަބްދުލްޤައްޔޫމް
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރިން ތިއްބެވި ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މަޖިލީހުން އެގޮތަށް ސަރުކާރަށް ލަފާ ދެއްވުމުންނެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅި ސިޓީއަކާ ގުޅިގެން ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ މައްސަލަ ބެލި ބެލުމުން، އެ އިދާރާއިން، ކުރީ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަނަށް ތުހުމަތުވާގޮތަށް އެތައް ކަމެއް ކޮށްފައިހުރިކަން ފާހަގަކުރެވިފައިވާކަމަށް ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ޚަރަދު ކުޑަކޮށް ކުރެވެންހުރި ކަންކަން ދައުލަތުގެ މާލިއްޔަތަށް ބުރަވާގޮތަށް، ބޮޑު އަގުގައި ކޮށްފައިހުރިކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން 4 މަޤާމެއް ހުސްވެފައިވަނީ ކުރިން ތިއްބެވި 4 މެމްބަރަކު އެ މެމްބަރުން ތިއްބެވި މަޤާމުތަކުން ވަކި ކުރުމާ ގުޅިގެންނެވެ.
އެގޮތުން ވަކިކޮށްފައިވަނީ؛
ޓްރައިބިއުނަލްގެ ރައީސް މުޙައްމަދު މުނައްވަރު އަލީ
ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް
މެންބަރު ޚަދީޖާ ނައީމް
މެމްބަރު އަހުމަދު އަޝްރަފް