ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
5 ނޮވެމްބަރު 2026 - 14:19

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމާ މެދު، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް އަދި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިހުސާން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުން ބަޔޯމެޓްރިކް ރެޖިސްޓްރޭޝަން ފުރިހަމަކޮށްފައިވާކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވިއެވެ. އަދި ރެގިއުލަރައިޒްވުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ކުންފުނިތަކުގައި މަސައްކަތްކުރާ ލިޔެކިޔުން މަދު މީހުންނަށް އިމިގްރޭޝަން، ލޭބާ ރިލޭޝަންސް ނުވަތަ ސިޓީ ކައުންސިލް މެދުވެރިކޮށް މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު އަދިވެސް އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ އިތުރުން ބޭންކް އެކައުންޓް ހުޅުވުމާއި ރަސްމީ ޗެނަލްތައް މެދުވެރިކޮށް ޤައުމަށް ފައިސާ ފޮނުވުން ފަސޭހަކޮށް އަގުހެޔޮކުރުމަށާއި، ކޮންޓްރެކްޓުގައިވާ ރޭޓުން މުސާރަ ދިނުން ކަށަވަރުކުރުމަށް ހައި ކޮމިޝަނަރު އެދިވަޑައިގެންނެވިއެވެ. މިއީ މަސައްކަތްތެރިންގެ ޤާނޫނީ ހައިސިއްޔަތު ކަށަވަރުވެ، ޚިދުމަތްތައް ލިބުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ހައި ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
ދެ މުއައްސަސާގެ ދެމެދުގައި ކޯޑިނޭޝަން މެކޭނިޒަމެއް ޤާއިމުކުރުމަށާއި، ރަށު ފެންވަރުގައި މަޢުލޫމާތު ހިއްސާކުރުމަށް އަދި މަސައްކަތްތެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ގުޅިގެން ހިންގުމަށް އެއްބަސްވިއެވެ.
އަންހެން މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު މި ބައްދަލުވުން ނިންމާލީ، ދެފަރާތުގެ ގުޅުން ބަދަހިކޮށް، ބަންގްލަދޭޝް ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ޢަޒުމާ އެކުގައެވެ.

-01.jpg&w=3840&q=75)
