ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑު ހަރުދަނާކޮށް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަންޖެހޭ: ޚަލީލް
7 ނޮވެމްބަރު 2026 - 12:41

ދޮގު މައުލޫމާތާއި ކަމުގެ ހަގީގަތް އޮޅޭގޮތަށް ފަތުރާ މައުލޫމާތާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް އިބްރާހީމް ޚަލީލް އެދިވަޑައިގެންފި އެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި 7 ވަނަ ވޯލްޑް މީޑިއާ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ ޒަމާނީ މީޑިއާގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮމޭޓެޑް ނިޒާމުތަކުގެ ނުފޫޒު ފުޅާވަމުންދާތީ އެކަމާ ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ޚަލީލް ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީ ކުރިއެރުމާއެކު މީޑިއާގެ ދާއިރާއަށް އާ ފުރުސަތުތަކެއް ފަހިވެފައިވީ ނަމަވެސް، ތެދު މައުލޫމާތާއި ދޮގު މައުލޫމާތު ވަކިކޮށް ދެނެގަތުމުގައި ކުރިއަށްވުރެ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެކި ގައުމުތަކުގައި މީޑިއާގެ ދާއިރާ ތަރައްގީވެފައިވަނީ އެކި މިންވަރަށް ކަމަށްވުމުން މީޑިއާގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުން ވަރަށް މުހިއްމު ކަމުގައިވެސް ޚަލީލްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.
އާންމު ފަރުދުން އަމިއްލައަށް އުފައްދާ ކޮންޓެންޓް މަގުބޫލުވަމުންދާތީ އެކަމުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ޚަލީލް ވިދާޅުވީ އެފަދަ ކޮންޓެންޓްތަކަކީ ނޫސްވެރިކަމުގައި ބަލާ އަޚްލާގީ މިންގަނޑާއި ޕްރޮފެޝަނަލް ގޮތްތަކަށް ފެތޭ އެއްޗަކަށް ނުވާތީ އާންމުންނަށް ދޮގު މައުލޫމާތު ލިބުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.
ޚަލީލްގެ ވާހަކަފުޅުގައި ވަނީ ބައިނަލްއަގްވާމީ މީޑިއާތައް އެއްތަނަކަށް ގެނެސް، މައުލޫމާތާއި އިލްމާއި ތަޖުރިބާ ހިއްސާކުރުމަށް ޗައިނާގެ ޝިންހުއާ ފަދަ ޕްލެޓްފޯމްތަކުން އަދާކުރާ ދައުރުވެސް ފާހަގަކުރައްވާފަ އެވެ.
މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށާއި، އަޚްލާގީ މިންގަނޑު ހަރުދަނާކުރުމަށާއި، ގައުމުތަކުގެ މެދުގައިވާ ޓެކްނޮލޮޖީގެ ފަރަގު ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށްވެސް ޚަލީލް ވަނީ އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ޚަލީލް އިތުރަށް ވިދާޅުވީ މަލީ ފިޔަވަޅެއް އެޅުމެއް ނެތި ހަމައެކަނި މަޝްވަރާތަކާއި އެއްބަސްވުންތަކަކުން ނުފުދޭނެ ކަމަށެވެ. މަކަރާއި އޮޅުވާލުމުން އާންމުން ރައްކާތެރިކުރުމަށާއި، ހަގީގަތުގެ މައްޗަށް ބިނާވެފައިވާ މީޑިއާގެ ވެއްޓެއް ބިނާކުރުމަށް އެންމެން ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކޮށްދިނުމަށްވެސް ޚަލީލްގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފަ އެވެ.

-01.jpg&w=3840&q=75)
