logo
MPL

MPL

ޚަބަރު

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑު މަސައްކަތް އަންނަ އަހަރަށް ނިންމަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 ނޮވެމްބަރު 2026 - 16:08
މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑު މަސައްކަތް އަންނަ އަހަރަށް ނިންމަނީ

ރާއްޖޭގެ އެކި ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ ބޮޑު މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މިފަދަ އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށެވެ. އަދި އަދިވެސް ވަރަށް ގިނަ ރަށްރަށުގެ މެދުތެރޭގައާއި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި އިންޖީނުގެތައް ހުރުމުގެ ސަބަބުން، އިންޖީނުތަކުގެ އަޑާއި ދުމުގެ އުނދަގޫ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި މި ބުރަ މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި ވަގުތު ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއާ ޙަވާލުކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތްތައް ސެޕްޓެމްބަރ 30 އިން ނޮވެމްބަރ 06 ގެ ނިޔަލަށް ކަނޑައެޅިފައިވާ ތާރީޚަށް ނިންމައިލެވިފައިވާކަން ފާހަގަކުރައްވައި، އެކަމުގައި ބައިވެރިވި މުވައްޒަފުންނަށް މެނޭޖިންގ ޑިރެކްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަމަށާއި، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ޙާޞިލުކޮށްދިނުމަށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ހިމެނޭހެން ހުރިހާ މުވައްޒަފުން ސްޓްރެޓީޖިކަލީ މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނިގެންދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުންމީދުތައް ޙަޤީޤަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިޙްސާސްކުރެއްވޭ ކަމަށް ވިދާޅުވިއެވެ. އަދި މި ލަނޑުދަނޑިތައް ޙާޞިލުކޮށް، ރަށްރަށުގައި އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭ ކަމަށާއި، ޚާއްޞަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ ޚިދުމަތްތައް ތަރައްޤީކުރުމަށް އިންވެސްޓްކުރުމަށް މިހާރުވެސް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންނަށް ލިބެމުން އަންނަ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމަށް ޑރ. އަޒުވަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ބަދަލުކުރުމުގެ ބޮޑު މަސައްކަތް އަންނަ އަހަރަށް ނިންމަނީޚަބަރު | 40 މިނިޓު ކުރިންފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފިޚަބަރު | 14 ދުވަސް ކުރިން