logo
MPL

MPL

ކުޅިވަރު

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ 11 އަހަރުފަހުން ދަނޑަށް

އަބްދުﷲ ޣާނިމް
16 ނޮވެމްބަރު 2026 - 03:48
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ 11 އަހަރުފަހުން ދަނޑަށް

ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލްގެ ރޮނާލްޑީނިއޯ، 11 އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު އުމުރުން 46 އަހަރުގައި ރަސްމީ މެޗަކަށް އެނބުރި ދަނޑަށް ނުކުމެ ކުޅެފިއެވެ. އިޓަލީގެ ތިންވަނަ ޑިވިޝަން (ސެރީ ސީ) ގެ ކްލަބެއް ކަމަށްވާ ރަވޭނާއަށް އޭނާ ކުޅެފައިވަނީ ފޯލީއާ ދެކޮޅަށް ކުޅެ 0-2 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވި ވާދަވެރި ޑާބީ މެޗުގައެވެ.

މިއީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ގައި ބްރެޒިލްގެ ފްލުމިނެންސޭއަށް އެންމެ ފަހުން ކުޅުނު ފަހުން، ބާސެލޯނާ އަދި އޭސީ މިލާންގެ ކުރީގެ ތަރި ރަސްމީ މެޗަކުން ފެނުނު ފުރަތަމަ ފަހަރެވެ. ރޮނާލްޑީނިއޯ ވަނީ މި އަހަރުގެ ކުރީކޮޅު ރަވޭނާ ކްލަބުގެ ހިއްސާދާރަކަށް ވެސް ވެފައެވެ. އޭނާ ވަނީ ސްޓޭޑިއޯ ބްރޫނޯ ބެނެލީގައި ކުޅުނު މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން އަރާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގައި އޭނާ ކުޅޭނެ ކަމަށް ކުރިން ބެލެވުނީ 30 ވަރަކަށް މިނެޓު ނަމަވެސް، ކުރީގެ ބެލޮންޑިއޯ އެވޯޑު ހޯދި ކުޅުންތެރިޔާ ވަނީ މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކުޅެފައެވެ. މީގެއިތުރުން، މެޗުގެ 36 ވަނަ މިނެޓުގައި ރަވޭނާއިން ޖެހި ފުރަތަމަ ލަނޑުގެ ބިނާކުރުމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. މި ލަނޑަކީ ޑިފެންޑަރެއްގެ ހުރަސް ގިރާކޮށް ލިއޮނާޑޯ ލޮނާޑީއަށް ރޮނާލްޑީނިއޯ ފޮނުވާލި ޕާހަކުން، ޕެނަލްޓީ އޭރިއާ ބޭރުން ޖޫލިއޯ ޑޮނާޓީ ކާމިޔާބުކުރި މޮޅު ލަނޑެކެވެ.

ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުމަށްފަހު ރޮނާލްޑީނިއޯ ދަނޑުން ފޭބީ ސަޕޯޓަރުންގެ ހޫނު ތަރުހީބަކާއި އަތްޖެހުމުގެ އަޑާއެކުގައެވެ. ބްރެޒިލާއެކު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮނާލްޑީނިއޯ ވަނީ 2005 ވަނަ އަހަރު ބެލޮންޑިއޯ ހޯދުމުގެ އިތުރުން ބާސެލޯނާއާއެކު ދެ ފަހަރަށް ލަލީގާ އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޭނާ ރަސްމީކޮށް ފުޓްބޯޅައިން ރިޓަޔަރ ކުރިކަން އިއުލާނުކުރީ 2018 ގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑީނިއޯ ބުނީ، ކްލަބުގެ ރައީސް އެދިވަޑައިގެންފިނަމަ ރަވޭނާއަށް ކުރިއަށް އޮތް ތަނުގައިވެސް އިތުރު މެޗެއް ކުޅެދިނުމަކީ ވެދާނެ ކަމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ 11 އަހަރުފަހުން ދަނޑަށްކުޅިވަރު | ގަޑިއިރެއް ކުރިން