ޢުމްރާ އަދި އިސްލާމީ ތަޢުލީމީ ދަތުރެއްގައި 19 ބައިވެރިން ސަޢޫދީއަށް
19 ނޮވެމްބަރު 2026 - 13:14

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން، ސަޢޫދީ ޢަރަބިއްޔާގެ ހެޔޮ އެދޭ މުއައްސަސާއެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޢުމްރާ ދަތުރާއި އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރުގައި ބައިވެރިވާ 19 ބައިވެރިންގެ ވަފުދު ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ތާރީޚާއި، ދީނީ ތަޢުލީމާއި، އިސްލާމީ މުއައްސަސާތައް ހިންގުމާ ގުޅޭގޮތުން ބައިވެރިންގެ ޢިލްމީ މަޢުލޫމާތު އިތުރުކުރުމާއެކު، ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ ދީނީ، ތަޢުލީމީ އަދި ތާރީޚީ މުއައްސަސާތަކުން ޢިލްމީ އަދި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދަތުރުގެ ބައިވެރިންގެ ތެރޭގައި ތަފާތު އެކި މުއައްސަސާތައް ހިމެނެއެވެ. އޭގެ ތެރޭގައި އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާ، މޯލްޑިވްސް ޒަކާތު ހައުސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ޒުވާން ޚަޠީބުން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، ޛިކްރާ ކޮލެޖް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، ސިވިލް ސަރވިސް ކޮމިޝަން އަދި އެވިޑް ކޮލެޖް ހިމެނެއެވެ.
މި ތަޢުލީމީ ޕްރޮގްރާމްގެ ދަށުން، ބައިވެރިން ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ އިސްލާމީ މުއައްސަސާތަކަށާއި ތާރީޚީ ބިނާތަކަށް ޒިޔާރަތްކުރާނެއެވެ. މިގޮތުން، އުއްމުލް ޤުރާ ޔުނިވަރސިޓީއާއި، ކުއްލިއްޔަތުލް ޙަރަމިލް މައްކިއްޔިއްޝަރީފާއި، މަސްޖިދުލް ޙަރާމްގެ ކުތުބުޚާނާގެ އިތުރުން ޙައްޖުގެ މުހިންމު މާތް ބިންތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތާ ބެހޭ ބައިނަލްއަޤްވާމީ ދާރުލްއާޘާރަށާއި، ކީރިތި ޤުރްއާނާ ބެހޭ ދާރުލްއާޘާރަށާއި، މަދީނާގެ ދާރުލްއާޘާރުތަކަށާއި، މަސްޖިދުއްނަބަވީއަށާއި، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ބަދުރާއި އުޙުދުގެ މައިދާނަށްވެސް ބައިވެރިން ޒިޔާރަތްކުރާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

-01.jpg&w=3840&q=75)
