logo
MPL

MPL

ޚަބަރު

ރާއްޖެއާ ޕާކިސްތާނުން ވެފައިވާ އެމްއޯޔޫތައް ފުރިހަމަ އެއްބަސްވުންތަކަށް ހެދުމަށް ޕާކިސްތިންގެ ރައީސް ސަފީރަށް އަންގައިފި

އަޙުމަދު ރިޝާން
21 ނޮވެމްބަރު 2026 - 08:17
ރާއްޖެއާ ޕާކިސްތާނުން ވެފައިވާ އެމްއޯޔޫތައް ފުރިހަމަ އެއްބަސްވުންތަކަށް ހެދުމަށް ޕާކިސްތިންގެ ރައީސް ސަފީރަށް އަންގައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެމްއޯޔޫތަކަށް އަމަލީ ސިފަ ގެނެސް، އެ ކަންކަން ފުރިހަމަ އެއްބަސްވުންތަކަކަށް ބަދަލުކުރުމަށް މަސައްކަތް ކުރެއްވުމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔާޑް) އުވައިސް އަހުމަދު ބިލްގްރާމީއަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އިރުޝާދު ދެއްވައިފި އެވެ.

ޕާކިސްތާނުގެ "މެޓިސް ގްލޯބް ލިންކް ނިއުސް" އިން ޝާއިއުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވާ ގޮތުގައި، ރައީސް ޒަރުދާރީ އާ ސަފީރާ ބައްދަލުކުރައްވައި ވަނީ ރާއްޖެއާއެކު ސޮއިކުރި އެމްއޯޔޫތަކުގެ ތެރެއިން ދިފާއީ ދާއިރާގެ އެމްއޯޔޫތަކުގެ ފޮލޯއަޕް މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އަންގަވާފައެވެ. އޭގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އިތުރުކޮށް އިގުތިސާދީ ގުޅުން ބަދަހިކުރުމަށާއި، އެއްބާރުލުން އިތުރުކުރެވޭނެ އާ ދާއިރާތައް ހޯދުމަށް ވެސް ރައީސް ޒަރުދާރީ އިރުޝާދު ދެއްވިއެވެ. ހަމައެއާއެކު، ތައުލީމާއި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް އިސްކަންދިނުމަށާއި، ޕާކިސްތާނުން ދޭ ސްކޮލަޝިޕްތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ކަންތައްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަށް ވެސް ސަފީރަށް އެންގެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުމާއި، ސިއްހީ، ތައުލީމު، އަސްކަރީ، ފޮރެންސިކް، މަސްވެރިކަން، ޓޫރިޒަމް އަދި ދަނޑުވެރިކަމުގެ ދާއިރާގެ ކަންކަން ހިމެނެއެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެ އެމްއޯޔޫތަކަށް އަމަލުކުރަން ފެށުމަކީ މިހާރު އެންމެ ބޭނުންތެރިކަން ކަމަށާއި، އޭގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއަށް ޒިޔާރަތްކުރައްވައި، ސަފީރު މުހައްމަދު ތޯހާއާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމްބަސީން އެންމެ އިސްކަންދޭންވީ އެމްއޯޔޫތައް ތަންފީޒު ކުރުމަށް މަގުފަހިކުރުން ކަމަށެވެ. ދަތުރު ނިމުނު ނަމަވެސް އަސްލު މަސައްކަތް އޮތީ އެމްއޯޔޫތަކަށް އަމަލީ ސިފަ ގެނައުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި ކަމަށް ވިދާޅުވެ، އެ މަސައްކަތްތަކަށް އިތުރު މުވައްޒަފުން ބޭނުންވާނަމަ އެ މަގުފަހިކުރުމަށް ވެސް ރައީސް ބާރުއެޅުއްވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާ ޕާކިސްތާނުން ވެފައިވާ އެމްއޯޔޫތައް ފުރިހަމަ އެއްބަސްވުންތަކަށް ހެދުމަށް ޕާކިސްތިންގެ ރައީސް ސަފީރަށް އަންގައިފިޚަބަރު | 8 މިނިޓު ކުރިން