އޮންލައިންކޮށް އިމްތިހާނު ހެދޭ ގޮތަށް މިހާރު ކިޔަވާ ލޯ ދަރިވަރުން އިސްތިސްނާކުރަން ޖުޑިޝަރީ ކޮމިޓީން އަންގައިފި
23 ނޮވެމްބަރު 2026 - 14:24

ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ އިމްތިހާނުތައް މަތީ ތައުލީމު ދޭ މަރުކަޒަށް ހާޒިރުވެގެން ހަދަން ޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް ބާ ކައުންސިލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު އިއްތިފާގުން ނިންމައިފި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ކޮމިޓީން ފާސްކޮށްފައިވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށާއި، އާ އުސޫލު ހަމައެކަނި އަލަށް ކޯސްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރުމަށެވެ.
މިދިޔަ ޖުލައި މަހު ބާ ކައުންސިލުން އިސްލާހުކުރި ގަވާއިދުގައި ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުރިހާ އިމްތިހާނުތަކެއް މަރުކަޒަށް ހާޒިރުވެގެން ހަދަން ލާޒިމްވާނެ ކަމަށެވެ. އެހެންނަމަވެސް، ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖް އަދި އެވިޑް ކޮލެޖްގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވަނީ ކޯހުގެ މެދުތެރެއިން އެ ޝަރުތު ބަދަލުކުރުމަކީ އިދާރީ ގާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދޭ "މަގުބޫލު އުންމީދުގެ ހައްގު" ގެއްލޭ ކަމެއް ކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ބާ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް، އެ މީހަކު ހުރި ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ބޭއްވުމުގެ އިހުތިޔާރު ކޮލެޖްތަކަށް ލިބިގެންވާ ކަމަށެވެ.
ޒިކްރާ، ވިލާ އަދި އެވިޑް ކޮލެޖްގައި ލޯ ޑިގްރީ އޮންލައިންކޮށް ކިޔަވައި އިމްތިހާނު ހެދުމުގެ ފުރުސަތު އޮންނައިރު، އިސްލާމިކް ޔުނިވާސިޓީގައި އޮންލައިންކޮށް ކިޔެވުނަސް އިމްތިހާނު ހަދަން ޖެހެނީ ހާޒިރުވެގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ފަދަ މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަވަނީ އޮންލައިން ކޯސްތަކުން ލޯ ޑިގްރީ ހާސިލުކުރައްވަމުންނެވެ.

-01.jpg&w=3840&q=75)
